ނިބްރާސް އިވާން

ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ތަށި ބްލަޑް ބްރަދާސް އަށް

ށ. ފޯކައިދޫ ކައުންސިލް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ފޯރިގަދަ ފައިނަލް މެޗުގައި ބްލަޑް ބުރަދާސް އަދި ސުޕަރ ސްޓާ ބައްދަލު ކޮށް ބްލަޑް ބްރަދާސް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

މިއަދު ހަވީރު ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވިގެން ދިޔަ މި މެޗު ބްލަޑް ބުރަދާސް ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާ އަކުންނެވެ. ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެެއް ކާމިޔާބު ނުވެ ހާފު ނިމެން ކައިރި ވެފައި ވަނިކޮށް ބްލަޑް ބުރަދާސް ޓީމުން ވަނީ ލަނޑެއް ޖަހިއި މެޗުގެ ކުރި ހޯދައިފައެވެ. މެޗު ގެ 45 ވަނަ މިނެޓުގައި ބްލަޑް ބުރަދާސް ޓީމަށް އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައި އެ ޓީމުގެ ޖާޒީ ނަންބަރު 31، އަބްދުﷲ ޔާމިން ޕެނަލްޓީ އޭރިއާގެ ބޭރުން ދަނޑުގެ އިރުމަތީ ފަރާތުގެ ހުރެ ގޯލަ އަށް އަމާޒު ކޮށް ފޮނުވާލި ބޯޅައެއް ގޯލައިގެ ތެރެއަށް ވަދެގެންނެވެ. ޔާމިން އަކީ އިދިކޮޅު ޓީމު ތަކަށް ހިފަހައްޓާލުމަށް އުނދަގޫ އެހާމެ ހަލުވި ކުޅުންތެރިއެއް ކަން ފާހަކަ ކޮށްލެވެއެވެ.

ބްލަޑް ބުރަދާސް ޓީމަށް އެ ޓީމުގެ ލީޑް ފުޅާކޮށްދީފައި ވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށި ފުރަތަމަ މިނެޓް ތެރޭގައި އެ ޓީމުގެ ޖާޒީ ނަންބަރު 7، މުޙައްމަދު ރިޝްވާން ޖަހައިދިން ލަނޑަކުންނެވެ. މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ޕެނަލްޓީ އޭރިއާގެ ބޭރުން އެ ޓީމުގެ އާކިބ،ް ރިޝްވާނަށް ހުރަސް ކޮށްދިން ބޯޅައެއް ވަރަށް ހުސް ކޮށް އޭރިއާ ތެރެއަށް ވަދެގެން ގޮސް ގޯލައަށް އަމާޒު ކޮށްލައިގެންނެވެ. ބްލަޑް ބުރަދާސް ޓީމުން މި މެޗުގެެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ މެޗުގެ 57 ވަނަ މިނެޓުގައި ޔާމީނު ފޮނުވައިދިން ބޯޅައެއް ވަރަށް ފަސޭހަ ކަމާއި އެކު ރިޝްވާން ގޯލައިގެ ތެރެއަށް ފޮނުވައިލައިގެންނެވެ. ސުޕަރ ސްޓާ ޓީމަށް ލަނޑެއް ޖަހާނެ ފުރުސަތެއް ނުދީ ބްލަޑް ބުރަދާސް ޓީމުން ވަނީ އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައި އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ މި މެޗުގެ ފުރަތަމަ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިން ޔާމީން އެވެ.

ސުޕަރ ސްޓާ ޓީމަށް މި މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރެވިފައި ވަނީ މެޗުގެ 75 ވަނަ މިނެޓުގެ ތެރޭގަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމުގެ ޖާޒީ ނަންބަރު 4، އިބްރާހިމް ޒަމީމް ވަރަށް ދުރުން ގޯލަ އަށް އަމާޒު ކޮށް ފޮނުވާލި ބޯޅައެއް ގޯލައިގެ ތެރެއަށް ވަދެގެންނެވެ. އަދި ސުޕަރ ސްޓާ ޓީމަށް އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަޤު ކުޑަ ކޮށްދީފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ކުޅުން ހަމަވެ އިތުރު ގަޑީގެ ކުޅުމުގެ ތެރެއިން އެ ޓީމުގެ ޖާޒީ ނަންބަރު 17، ސުޖާއު ވަރަށް ހަމަޖެހިލައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކޮށްދިން ބޯޅަ އަކުން އިބްރާހިމް ޒަމީމް އެވެ. މި މެޗުގެ މޮޅު ކުރުންތެރި އަކަށް ހޮވިފައި ވަނީ ބްލަޑް ބުރަދާސް ޓީމުގެ ޖާޒީ ނަންބަރު 31، އަބްދުﷲ ޔާމީން އެވެ.

މި މެޗުގެ މޮޅު ކުރުންތެރި ހޮވިފައިވާ އަބްދުﷲ ޔާމީން

© 2023 milauthuru. All rights reserved.