ތުރުކީ ލީގުގައި އަންކާރާގޫޗޫ އާއި ރެޒާ ސްޕޯޓް ބައްދަލުކުރި މެޗް ނިމުނު ފަހުން ހިނގާދިޔަ ހަމަ ނުޖެހުމުގައި ބައިނަލް އަޤުވާމީ ރެފްރީ ޚަލީލް މެލާއަށް ޙަމަލާ ދީފައި ވަނީ އަންކާރާގޫޗޫގެ ރައީސް ފާރޫޤްކަމަށް މީޑިޔާތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.
މެލާއަކީ ފީފާ ރޭންކްގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު ރެފްރީއެކެވެ. ތުރުކީ ލީގުގައި ހިނގާދިޔާ ހާދިސާއާ ގުޅިގެން ލީގުގެ ހުރިހާ މެޗެއް ވެސް ވަނީ ވަކި މުއްދަތެއް ނެތްގޮތަށް މެދުކަނޑާލާފައެވެ. އަދި އަންކާރާގޫޗޫގެ ރައީސް ފާރޫޤް ވަނީ ހައްޔަރުކޮށްފައެވެ. އަދި އެއްވެސް ފުޓްބޯޅަ މުބާރާތެއްގައި ޙަރަކާތްތެރި ނުވެވޭގޮތަށް އުމުރު ދުވަހަށް ސަސްޕެންޓް ކޮށްފައެވެ.
މި ޢަމަލު ކުއްވެރިކޮށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ރެފްރީއަށް ދިން ޙަމަލާ އަކީ އިންސާނިއްޔަތާ ވެސް ޚިލާފު ޢަމަލެއްކަމަށާއި، ފުރިހަމަ ތަޙްޤީޤެއް ކުރަންޖެހޭ ކަމަށެވެ. އަދި މީގެ އިތުރުން ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވެސް ވަނީ ރެފްރީއަށް ދިން ޙަމަލާ ކުއްވެރިކޮށްފައެވެ.
ތުރުކީގައި ހިނގި ޙާދިސާއަކީ ފަހުގެ ތާރީޚެއްގައި ފުޓްބޯޅަ މުބާރާތެއްގައި ހިނގާދިޔަ އެންމެ ނާތަހުޒީބު ޢަމަލުކަމަށާއި، ފުޓްބޯޅަ އަކީ އެފަދަ ޢަމަލުތަކަށް ފުރުޞަތު ދެވޭނެ ކުޅިވަރެއް ނޫންކަމަށް ވިދާޅުވެ ފީފާގެ ރައީސް ވަނީ އެ ޢަމަލު ހަރުކަށި އިބާރާތުން ކުއްވެރި ކޮށްފައެވެ. ރެފްރީއަށް ލިބުނު އަނިޔާއަށް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހިފައި ވެއެވެ.