އިޒްރޭލްގެ ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީ ސިފައިން އަނެއްކާ ވެސް ބޮޑު ޤަތުލުއާންމެއް ހިންގާ ޖަބަލިޔާގައި އެތައް ސަތޭކަ ބަޔަކު މިއަދު ޝަހީދުކޮށްލައިފިއެވެ.
މީޑިޔާތަކުން ރިޕޯޓްކޮށްފައި ވާގޮތުގައި ޙަމަލާތައް ދީފައި ވަނީ އެއްވެސް ބެލުމެއް ނެތި ޢާންމު ރައްޔިތުން ދިރިއުޅެމުންދާ ސަރަޙައްދަކަށެވެ. އެ ޙަމަލާތަކުގައި ކުށެއް ނެތް އެތައް ސަތޭކަ ޢާންމު ރައްޔިތުންނާއި، ކުޑަކުދިންނާއި، އަންހެނުން ވަނީ ޝަހީދުވެފައެވެ. މުޅި ސަރަޙައްދު އެއްކޮށް ވަނީ ބިމާ ހަމަކޮށްލާފައެވެ.
މެދުކެނޑުމެއް ނެތި ފަލަސްޠީނަށް ޙަމަލާ ދެމުން ގެންދާތާ ދެ މަސްދުވަހަށް ވުރެން ގިނަ ދުވަސް ފާއިތުވެގެން ގޮސްފައި ވާއިރު، ފަލަސްޠީންގެ ކުށެއް ނެތް ޢާންމު ރައްޔިތުންގެ 20،000 އަށް ވުރެން ގިނަ ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި އެތައް ހާސް ކުޑަކުދިން ހިމެނެއެވެ.
ޣައްޒާގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެއްޗާއި، ބޯނެ ފެން ނެތުމުގެ ސަބަބުން ބަނޑުހައި ހޫނުކަމުގައި މީހުން ނިޔާވަމުންދާތީ، އދ. ކަމާ ބެހޭ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެެވެ. އަދި ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.
ފަލަސްޠީންގެ ޙާލަތު ވަނީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ޣައްޒާގައި އިންސާނީ ބޮޑު މުޞީބާތެއް ފެށިދާނެކަމުގެ ބިރު ބޮޑުކަމަށާއި، އިންސާނީ އެހީތައް އިތުރުކުރުމަކީ ކޮންމެހެން ވެސް ބޭނުންކަމެއް ކަމުގައި އެހީދޭ ޖަމިއްޔާތަކުން ބުނެއެވެ. އަދި ޙާލަތު ރަނގަޅު ނުވެ އިތުރަށް ގޯސް ވާނަމަ ދުނިޔޭގެ އެހެން ޤައުމުތަކަށް ވެސް އޭގެ އަސަރު ކުރާނެކަމަށެވެ.