ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ފައިސާ ގެއްލިއްޖެއެވެ.
ރޭގައި ފުލުހުން ބުނީ އެ އިދާރާއަށް ހުށަހެޅުނު މައްސަލައެއްގައި އަތުލައިގަތް ގިނަ އަދަދެއްގެ ފައިސާ ގެއްލުނު މައްސަލައެއް ބަލަން ފަށައިފައިވާ ކަމަށެވެ. ފުލުހުން ބުނީ މިއީ 2019ވަނަ އަހަރުގެ ސެޕްޓެމްބަރު 15 ވަނަ ދުވަހު ހުށަހެޅުނު މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާތަކެއް ކަމަށެވެ.
އެ ފައިސާގެ ޖުމްލަ، ހިސާބުގެ ފަރަގަކާ ގުޅޭ މައްސަލައެއް ފުލުހުންގެ ކްރިިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި 30،000 ޑޮލަރުގެ ފަރަގެއް ވަނީ ފާހަގަވެފަ އެވެ. މިކަން ފާހަގަވެފައިވަނީ އިއްޔެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
”ހަލާކުވެފައިވާ ފައިސާ ވެސް، ފައިސާ ބެހެއްޓިފައިވާ ތަނުން، ކޮތަޅެއްގެ ތެރެއިން ފެނިފައިވާތީ އެކަން ފޮރެންސިކް މެދުވެރިކޮށް ދަނީ ބަލަމުން،“ ފުލުހުން ބުންޏެވެ.