ހުޅުމާލޭ ފުޓްސަލް ދަނޑުގައި މިރޭ މަރޮށި – ފޯކައިދޫ ބައްދަލުކުރި މެޗް 3 – 2 ގެ ނަތީޖާ އަކުން ކާމިޔާބުކުރީ ފޯކައިދޫ އެފްސީއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުޞަތު ތަކެއް ލިބިފައި ވެއެވެ. ހަލުވި ކުޅުމެއް ކުޅުނު މި މެޗްގެ ބޮޑު ބައެއް ކޮންޓްރޯލްކުރީ ފޯކައިދޫ އެފްސީއެވެ.
މި މެޗްގައި ފޯކައިދޫއަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ނަދީމް ނަވާޒް (ނަވައްޓޭ) އާއި ޙުސައިން ނަބީހް (ނަބިޑް) އާއި އިބްރާހީމް މުސީރުއެވެ. އަދި މަރޮށި ޓީމަށް ލަނޑު ކާމިޔާބު ކޮށްދިނީ މުޙައްމަދު މަދީހް އާއި އިބްރާހީމް ނިޔާޒްއެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައި ވަނީ ފޯކައިދޫ އެފްސީގެ އިބްރާހީމް މުސީރުއެވެ.
މިރޭ ކުޅުނު އަނެއް މެޗްގައި ބައްދަލުކުރީ ށ. ފީވަކާއި ފޭދޫއެވެ. މި މެޗް 2 – 1 ގެ ނަތީޖާ އަކުން ކާމިޔާބުކުރީ ފޭދޫއެވެ. ފޭދޫ ޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ފާއިން މުޙައްމަދު އާއި މުޙައްމަދު ސިރްފާންއެވެ. އަދި ފީވަކުން ކާމިޔާބުކުރި ހަމަ އެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޙުސައިން ޝާމިހްއެވެ.