މިލައުތުރު

ކޮމަންޑޫ ކައުންސިލް ކަޕް 2024 ފެށިއްޖެ: މުގުލުގައި މިފަަހަރު ސީދާ ރައީސް ސިނާން!

ކޮމަންޑޫގެ ޓީމްތަކަށް ހުޅުވާލައިގެން ރަށު ކައުންސިލުން އިންތިޒާމްކުރާ ކުޅިވަރު ފެސްޓިވަލް “ކޮމަންޑޫ ކައުންސިލް ކަޕް 2024” މާޗް 19 ގައި ފެށިއްޖެއެވެ.

މި މުބާރާތަކީ2008  ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހު ބާއްވަމުން އަންނަ މުބާރާތެކެވެ. ކުރިން އިސްދަރިވަރުން ޖަމިއްޔާއިން އިންތިޒާމްކުރަމުން އަންނަ މި މުބާރާތް މިފަހަރު އިންތިޒާމްކުރަނީ ރަށު ކައުންސިލުންނެވެ. އަދި މިއީ ރައީސް ސިނާންގެ ޒަޢާމަތުގައި މި މުބާރާތް އިންތިޒާމްކުރާ ފުރަތަމަ ފަހަރަށް ވީތީ، ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމައަށް އިންތިޒާމްކުރެވޭތޯ މަސައްކަތް ކުރައްވާނެކަމަށް ކައިންސިލުން މަޢުލޫމާތު ދެއްވައެވެ.

ކޮމަންޑޫ ކައުންސިލް ކަޕްގައި ބައިވެރި ވެވޭނީ ހަމަ އެކަނި ކޮމަންޑޫގެ ޓީމްތަކަށެވެ. އެހެން ނަމަވެސް ކޮންމެ ޓީމަކަށް ވެސް ރަށުން ބޭރު އެއް ކުޅުންތެރިއަކަށް ކުޅުމުގެ ފުރުޞަތު ލިބޭނެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15000 ރުފިޔާގެ ފައިސާގެ އިނާމް ލިބޭނެއެވެ.

ޖުމްލަ 7 ޓީމް ވާދަކުރާ މި މުބާރާތް ކޮމަންޑޫ އާއި މާލޭގައި ވެސް ކުރިއަށް ދާނެކަމަށް މަޢޫލޫމާތު ލިބެއެވެ. މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ތެރޭގައި ހިމެނެނީ ކޮޅުދާލި، ބްރަދާސް، ސީޑީއެސް އެފްސީ، ށ. އަތޮޅު ތައުލީ މަރުކަޒު، އެފްސީ އޮޒީލިއާ، އެފްސީ ދޯކާގެ އިތުރުން މިދިޔަ އަހަރުގެ ޗެމްޕިއަން ކަމުގައިވާ ޗޮޑަސް އެފްސީ އެވެ.

ލީގު އުސޫލުން ކުޅޭ މި މުބާރާތް ފުރަތަމަ މެޗް ގައި ބައްދަލުކުރީ ކޮޅުދާލި އާއި ބްރަދާސްއެވެ. އެ މެޗް 10 – 0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ބްރަދާސްއެވެ.

© 2023 milauthuru. All rights reserved.