ށ. ފޯކައިދޫ ސިއްޙީމަރުކަޒުން އެންމެ ޢާންމުކޮށް ހަދާ ހަކުރު ޓެސްޓް ވެސް ނެހެދޭތީ ޢާންމުންގެ ޝަކުވާތައް އިންތިހާއަށް އިތުރު ވެއްޖެއެވެ. މީގެ ދޮޅުމަހެއްހާ ދުވަސް ކުރިން ވެސް ބަލިމީހެއްގެ ފަރާތުން މިފަދަ ކަންބޮޑުވުންތަކެއް ސޯޝަލް މީޑިޔާއާ ހަމައަށް ތިލަކޮށްފައި ވެއެވެ.
މިހާ ދުވަސް ވެގެންދިޔަ އިރުވެސް ލެބޯޓަރީ ތަހުލީލުތައް ކުރުމަށް ބޭނުންކުރާ އާލާތްތަކަށް ދިމާވި މައްސަލަތައް ޙައްލު ނުވެ، މަރާމާތު ކުރެވޭ ވަރުވެސް ވެފައި ނުވާތީ އެރަށުގައި ދިރިއުޅޭ މީހުންގެ ޝަކުވާތައް ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. މިހާރު ޓެސްޓް ހަދަން ދާންޖެހެނީ ހަފުތާއަކު ދެ ދުވަހު ކަމަށާއި، ލޭގެ ތަހުލީލުތައް ކުރުމަށް ނަގާ ސުންކުތައް ފޮނުވަނީ އަތޮޅު ހޮސްޕިޓަލަށް ކަމަށެވެ.
ފޯކައިދޫ ސިއްޙީމަރުކަޒަށް މިއަދު ޓެސްޓް ހަދަން ދިޔަ ބަލިމީހަކު މަޢުލޫމާތު ދިންގޮތުގައި، މަރުކަޒުން މިވަގުތު ޓެސްޓްތައް ނެހެދޭތީ އޭނާ ވަނީ ފޮނުވާލާފައެވެ. އަދި ޓެސްޓް ހެދުމަށް ބޭނުންވާ ސުންކު ނެގުމަށް އަލުން އައުމަށް އަންގަވާފައި ވާކަމަށާއި، ތަހުލީލުކުރުމަށް ނަގާ ލޭ ފޮނުވަންޖެހެނީ ށ. ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ކަމަށެވެ.
މީހުންގެ ޝަކުވާއަކީ ހަމަ އެކަނި މެޝިންތައް ހަލާކުވެގެން ޓެސްޓައް ނެހެދުމެއް ވެސް ނޫނެވެ. މީހުންގެ ޝަކުވާއަކީ މިހާ ގިނަ ދުވަސް ވެގެންދިޔަ އިރު އެފަދަ މުހިންމު އާލާތްތައް މަރާމާތު ނުކުރެވި ވާތީއެވެ. 24 ގަޑި އިރުގެ ޚިދުމަތްދޭ މަރުކަޒެއްގެ ލެބޯޓަރީގައި ޓެސްޓް ހެދުމަށް ބޭނުންކުރާ މެޝިންތައް ޚިދުމަތް ނުދެވޭ ވަރަށް ހަލާކުވެފައި ގިނަ ދުވަސްތަކެއްް ވަންދެން ހުރުމަކީ ވަރަށް ބޮޑު އިހުމާލެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރެއެވެ.