ޝާން މުޙައްމަދު

ފުލުހުން ކުރިއަށް ގެންދާ ފުރާވަރު ކޭމްޕް ވިލުފުށީގައި ފަށައިފި

ސްކޫލްތަކުގެ ފުރާވަރުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދާ ”ކޭމްޕް ފުރާވަރު“ ފަށައިފި އެވެ.

މިއީ ސިލްސިލާކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ މި ކެމްޕުގެ 106 ވަނަ އެޑިޝަނެވެ. އަދި މި އަހަރުގެ ފުރަތަމަ ކޭމްޕު ފަށާފައި މިވަނީ ތ. ވިލުފުށީ ސްކޫލްގައެވެ.

ވިލުފުށީ ސްކޫލުގެ ގްރޭޑް 8-12 އަށް ތައުލީމު ހާސިލުކުރަމުން އަންނަ 90 ދަރިވަރުން ކޭމްޕުގައި ބައިވެރިވެ އެވެ. މި ކޭމްޕު ކުރިއަށް ދާނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށެވެ.

މި ކޭމްޕް ކުރިއަށް ގެންދަނީ ވިލުފުށީ ފުލުހުންނާއި ސައުތު ސެންޓްރަލްގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ވިލުފުށީ ސްކޫލާއި، ކައުންސިލާއި، ސިއްހީ މަރުކަޒާއި، ވިލުފުށީ ފެނަކަ އަދި އާރުޑީސީ ގޮފީގެ އިތުރުން ވިލުފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމާ އެކީގަ އެވެ.

”ފުރާވަރު ކޭމްޕަ‘ އަކީ ފުލުހުންގެ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުގެ ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓުން ކުރިއަށް ގެންދާ ކޭންޕެކެވެ.

މި މަހު ފަހުކޮޅު ބ. އޭދަފުށީ ސްކޫލު ދަރިވަރުންނަށް މި ކޭންޕު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ކުޅުދުއްފުއްޓާއި ކ. ގުރައިދު އާއި މާމިގިލި އަދި އައްޑޫ ފޭދޫގައި ވެސް މި އަހަރު ”ފުރާވަރު ކޭމްޕް“ ކުރިއަށް ގެންދާނެ އެވެ.