ވީރާނާވެފައިވާ އައްޑޫ ލިންކު ރޯޑު މަރާމާތުކުރުމަށް ތާރު ހޯދަން ކައުންސިލުން އިއުލާންކޮށްފިއެވެ.
މި ލިންކު ރޯޑުގައި ހަލާކުވެފައިވާ ތަންތަން މަރާމާތު ކުރުމަށްޓަކައި ދިހަ ޓަނުގެ ތާރު ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން ވަނީ އިއުލާން ކޮށްފައެވެ. ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހާ ހަމައަށެވެ.
އާބާދީ ބޮޑު އައްޑޫ ސިޓީގެ ގުޅިފައިވާ ރައްތައް ގުޅުވައިދޭ މި ލިންކް ރޯޑަކީ ރައީސް މައުމޫނުގެ ވެރިކަމުގައި 2003 ވަނަ އަހަރު ހުޅުވި މަގެކެވެ. މި މަގުގެ ބައެއް ސަރަހައްދުތައް މިހާރު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ ދުއްވާ ތަކެއްޗަށް އުނދަގޫވެ ރައްޔިތުން އެކަމުގެ ޝަކުވާތައް ކުރާތާ މިހާރު އެތައް އަހަރެއް ވަނީ ވެފައެވެ. މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ކައުންސިލުން ވަނީ މި މަގު މަރާމާތުކޮށްފަ އެވެ.
އެ މަގުގެ މަރާމާތަށް ތާރު ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލި އިރު، ސަރުކާރުން އޮތީ އައްޑޫ ލިންކް ރޯޑު ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފަ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މި މަހުގެ އަށެއްގަ އެވެ.