މިލައުތުރު

ލީޑަރޝިޕް ބަދަލުކުރާންޖެހޭ ސަބަބެއް ނެތް – އެމްޑީޕީ

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވެ، ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުން ވެސް ލަދުވެތި ގޮތަކަށް ނާކާމިޔާބު ވުމުން ލީޑަރޝިޕަށް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އަދި ލީޑަރޝިޕް އިސްތިޢުފާ ދޭންޖެހޭ ކަމަށް ގިނަ ބަޔަކު ބުނަމުން ގެންދިޔަ ނަމަވެސް އިސްތިޢުފާ ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ބައެއް ސަޕޯޓަރުން ދެކޭގޮތުގައި އެމްޑީޕީ ބައިބައި ވުމަކީ ލީޑަރިޝިޕްގެ ވަރަށް ބޮޑު ނާޤާބިލްކަމެއް ކަމަށެވެ. އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އެތައް ގޮތަކުން އުނދަގޫތައް ކުރިމަތިކޮށް އެންމެ ފަހުން އަމިއްލަފުޅަށް ޕާޓީން ވަކިވާންޖެހުނީ ކަމަށާއި، އަދިވެސް އަދި ދެންވެސް އެމްޑީޕީއަށް އެންމެ ހެޔޮގޮތް އެދޭނެ މީހަކީ ރައީސް ނަޝީދު ކަމަށެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ރައީސް ޞާލިޙް ވާދަކުރައްވަން ޖެހޭ އިންތިޚާބެއް ވެސް ނޫންކަމަށާއި، އެއީ އެމްޑީޕީއަށް އެއްގޮތަކަށް ވެސް ގެއްލެންޖެހޭ އިންތިޚާބެއް ވެސް ނޫންކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ރައީސް ނަޝީދު ނިކުންނެވީ ޚުދު ރައީސް ޞާލިޙްގެ ވިސްނުންފުޅާ ވެސް ދެކޮޅަށް ކަމަށާއި، 65 ގޮނޑި ކާމިޔާބުކުރެއްވި ކަމަށެވެ. 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމަނިކުފާނާ ނުލާ ލިބުނީ އެންމެ 12 ގޮނޑި ކަމަށެވެ. އަދި 55 ގޮނޑި ނަގާނެކަމަށް ގަދަބަސް ބުނި އެމްޑީޕީގެ ލީޑަރޝިޕަށް ނާކާމިޔާބުވީ ސަބަބު ވެސް ސާފުކޮށްދޭން ނުކުޅެދިފައި ވާކަމަށެވެ. އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު އެންމެ ގާތްކޮށްގެން ގެންގުޅު ހުރިހާ އެންމެން މިއަދު ތިބިތަން ފެންނަނީ ޕީޕީއެމް ޕީއެންސީ އާއި އެކުގައެވެ.

އެމްޑީޕީއަށް އެންމެ އިޚްލާޞްތެރިވީ މީހުން ބާކީކޮށް މަގުމަތިކޮށްލީ ލީޑަރޝިޕް ހޯދުމުގެ ދަހިވެތިކަމުގައި ކަމަށާއި، ގަދައަށް ހިންގާލަންކަމަށް ގަދަބަސް ބުނެ ނިކުތް މީހުންގެ އެއްވެސް އިޚްލާޞްތެރިކަމެއް ނެތްކަމަށް މީހުން ތުހުމަތު ކުރެއެވެ. އަދި އެމީހުންގެ އެންމެ މުހިންމު މަޤުޞަދަކަށް ވީ ޙަސަދަވެރިކަމުގެ ޖަޒުބާތުގައި ރައީސް ނަޝީދު ބޭރުންކޮށްލުން ކަމަށެވެ. ރާއްޖޭގެ އެހެން ހުރިހާ ސިޔާސީ ލީޑަރުން ވެސް ބޭނުންވި ފަދައިން ރައީސް ނަޝީދުގެ ސިޔާސީ ޙަޔާތް ބަރުބާދުކޮށްލުމެވެ. ގިނަ ބަޔަކު އިއްތިފާޤުވާ ގޮތުގައި މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތަކީ ރައީސް މުޙައްމަދު ނަޝީދުއެވެ.

© 2023 milauthuru. All rights reserved.