ޝާން މުޙައްމަދު

ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ އެންމެ 3 ޕާޓީ އަށް

މިދިޔަ ޖޫން މަހުގެ ނިޔަލަށް 10،000 މެމްބަރުން ހަމަވަނީ އެންމެ ތިން ސިޔާސީ ޕާޓީއެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) ބުނެފި އެވެ. އެ ކޮމިޝަނުން މިހެން ބުނެފައިވާއިރު ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނާ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކޮންމެ ހަ މަހަކުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ޢަދަދު ކަށުވަރުކޮށް އާންމުކުރަންޖެހެ އެވެ. އަދި ދައުލަތުން ދޭ ފައިސާ ލިބޭނީ މެމްބަރުންގެ އަދަދު 10،000 އަށް އެރުމުން ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

އެ ކޮމިޝަނުން މިރޭ އާންމުކުރި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަލާއިރު 10،000 މެމްބަރުން ހަމަވަނީ އެންމެ ތިން ޕާޓީއެއްގަ އެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީގަ އެވެ.

ސިޔާސީ ޕާޓީތަކުގައި މިހާރު ތިބި މެމްބަރުންގެ އަދަދު:

– ޕީއެންސީ: 68،665 މެމްބަރުން

– އެމްޑީޕީ: 43،765 މެމްބަރުން

– އަދާލަތު ޕާޓީ: 8،844 މެންބަރުން

– ޖުމްހޫރީ ޕާޓީ: 13،456 މެންބަރުން

– އެމްޑީއޭ: 9،011 މެންބަރުން

– ތާޑްވޭ ޑިމޮކްރެޓްސް: 2،272 މެންބަރުން

– އެމްއެންޕީ: 5،836 މެންބަރުން

– ޑިމޮކްރެޓްސް: 3،547 މެންބަރުން

– ޕީއެންއެފް: 3،046 މެންބަރުން