މިލައުތުރު

މިއަހަރުގެ ފުރަތަމަ ޚިތާނީ ސީޒަންގައި ޚިތާނުކޮށްފައި ތިބި ކުދިންގެ ގާތަށް ފީވަކު ޕޮލިހުން ޒިޔާރަތްކޮށްފި!

ށ. ފީވަކުގައި މިސީޒަންގައި ޚިތާނުކޮށްފައި ތިބި ކުދިންގެ ގާތަށް ފީވަކު ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޒިޔާރަތްކޮށް އެކުދިންގެ ޙާލުބައްލަވާލައްވައި، އެކުދިންނަށް ހަދިޔާ ދެއްވައިފިއެވެ.

ކޮންމެ އަހަރެއްގެ ވެސް ސްކޫލް ބަންދާ ދިމާކޮށް ޚިތާނުކުރުމުގެ ޙަފުލާތައް ބާއްވަމުން ގެންދެއެވެ. އެގޮތުން މިއަހަރުގެ ސްކޫލް ބަންދު ފެށުމާއި އެކު ކުދިން ޚިދާނުކުރުން ވަނީ ފެށިފައެވެ. އެގޮތުން މިހާރު ވެސް ގިނަ ޢަދަދެއްގެ ކުދިން ޚިދާނުކޮށްފައި ވާކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.

ޢާންމުގޮތެއްގައި ރަށް ރަށުގައި ކުދިން ޚިތާނުކުރަމުން ގެންދަނީ ޘަޤާފީ ގޮތެއްގައި ބޭއްވޭ ޚާއްޞަ ޙަފުލާތަކާއެކު ގައެވެ. އަދި ހޮސްޕިޓަލް ނުވަތަ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ބަދަލުގައި އެކަން ކުރަމުން ގެންދަނީ ހުއްދަ އޮންނަ އަމިއްލަ ފަރާތްތައް ގެނެސްގެން ގޭގޭގައެވެ.

ޚިތާނީ ޙަފުލާއަކީ ފޫހި ފިލާ ޙަފުލާއަކަށް ހެދުމަށްޓަކައި، ހަތަރު ފަސް ކުދިން އެއްގޭގައި ބޭއްވުމަކީ ވެސް ކުރަމުން އަންނަ ކަމެކެވެ. އަދި އެފަދަ ގޭގޭގައި ބޮޑުބެރު ޖެހުމާއި، މުނިފޫހިފިލުވުމުގެ ޙަރާކާތްތަކާއި، ކެއުމާއި ސައި ވަރަށް ޚާއްޞަގޮތެއް ގައި ބާއްވައެެވެ.

ފީވަކުގައި ޚިތާނީ ކޭމްޕްތައް ބާއްވަނީ ވަރަށް ކުލަގަދަކޮށް އަދި ބޮޑު ހޭދަތައް ވެސް ކޮށްގެންނެވެ. އަދި އެއީ ގިނަ ބަޔަކަށް އުފާވެރި ކަމާއި ހިނިތުންވުން ގެނެސްދޭ އުފާވެރި ޙަފުލާއެކެވެ. އަދި އަތޮޅުގެ ގިނަ ރަށް ރަށުގައި ވެސް އެކަން އޮންނަ ގޮތްކަން ފާހަގަކުރެވެއެވެ.

© 2023 milauthuru. All rights reserved.