އުސްތާޛް ޒަކީ

ދުނިޔޭގެ އެންމެ ބޮޑު ކަދުރު ރުއްދަނޑު އޮތުމުގެ ރެކޯޑް މިސުރު ސިފައިން މުގުރާލައިފި.

މީގެ ކުރިން ސައޫދީ އަރަބިޔާއިން ދަމަހައްޓަމުން އައި ދުނިޔޭގެ އެންމެ ބޮޑު ކަދުރު ރުއްދަނޑު އޮތުމުގެ ރެކޯޑް މިސުރުގެ ސިފައިން މުގުރާލައިފިއެވެ.

ދުނިޔޭގައި އެންމެ ގިނަ ކަދުރު އުފައްދާ ބަޔަކަށް ވުމަށްޓަކައި މިސުރުގެ ސިފައިން ވަނީ 1.6 މިލިޔަން ކަދުރު ރުއް މިހާތަނަށް ވަނީ އިންދަފައެވެ. މިއީ 40،000 އޭކަރުގެ ދަނޑުބިމުގައި ޖުމްލަ 2.5 މިލިޔަން ކަދުރު ރުއް އިންދުމުގެ މަޝްރޫޢެކެވެ.

މިސުރުގެ ސިފައިންގެ ކަދުރު ދަނޑުގައި މުޅިން އައު 18 ވައްތަރެއްގެ ކަދުރު ރުކުގެ މުޑުވައް އިންދާފައި ވެއެވެ. އަދި އެކު ޖުމްލަ 33 ބާވަތެއްގެ ކަދުރު އިންދާފައި ވެއެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އިޤްތިޞާދީ ނަފާ ލިބޭ ބާވަތްތަކުގެ ކަދުރު ހިމެނެއެވެ. އޭގެ ތެރޭގައި ޔޫއޭއީ، ސައުދީ އަރަބިޔާގެ އިތުރުން އެމެރިކާގެ ވައްތަރުތައް ހިމެނެއެވެ.

ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ކަދުރު އުފައްދާ އެއް ޤައުމަކީ މިސުރުކަމުގައި އދ. ގެ ކާބޯތަކެއްޗާ ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން 1.8 މިލިޔަން ޓަނުގެ ކަދުރު މިސުރުން އެކަނި އުފައްދައެވެ. އެއީ މުޅި ދުނިޔޭގައި އުފައްދާ ކަދުރުގެ %19 ކަމަށާއި، މެދުއިރުމަތީގައި އުފެއްދޭ މިންވަރުގެ %24 ކަމަށް ރިޕޯޓްތައް ބުނެއެވެ. ދެވަނައިގާ އޮތް ސައުދީ އަރަބިޔާއަށް އުފެއްދެނީ އަހަރަކު 1.6 މިލިޔަން ޓަނުގެ ކަދުރުކަމަށް ވެއެވެ.

މިސުރު ސިފައިންގެ ކަދުރު ރުއްދަނޑަަށް ގީނިސް ވޯލްޑް ރެކޯޑް ފޮތުން ވެސް ވަނީ ޖާގަ ލިބިފައެވެ. ދުނިޔޭގައި މިހާރު އޮތް އެންމެ ބޮޑު ކަދުރު ރުއްދަނޑުގެ ރެކޯޑް މިހާރު އޮތީ މިސުރުގެ ސިފައިންގެ އަތުގައެވެ.

© 2023 milauthuru. All rights reserved.