މިލައުތުރު

އަޤްޞާ މިސްކިތް ކައިރީގައި އަޅުކަމުގައި އިން ޒުވާން އަންހެން ކުއްޖެއްގެ ބޮލަށް ބަޑިޖަހާ ޝަހީދުކޮށްލައިފި.

އެކުއްޖާ ޝަހީދުކޮށްލާފައި ވަނީ ވަރަށް ރަޙުމުކުޑަ ގޮތަކަށް ޔަހޫދީ ފުލުހުން ބަޑިޖެހުމަށް ފަހުގައެވެ. މަންޒަރު ދުށް މީހުންނާ ޙަވާލާދީ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވާގޮތުގައި އެކުއްޖާ ޝަހީދުކޮށްލާފައި ވަނީ ނަމާދުގެ އަޅުކަމުގައި އިންދައެވެ. އިޒްރޭލް ފުލުހުންގެ ގާތްގަނޑަކަށް 20 މީހުން އެކުލެވޭ ބޮޑު ފައުޖެއް ވަށާލުމަށް ފަހުގައި ގައިގެ އެތައް މިތަނަށް ބަޑިޖެހުމުންނެވެ.

އެއްވެސް ނުރައްކާތެރި ކަމެއް ނެތް އެ މައުސޫމް އަންހެން ކުއްޖާ ޝަހީދުކޮށްލިގޮތުން މީޑިޔާތަކުގެ ސަމާލުކަމަށް މިމައްސަލަ ވަނީ އައިސްފައެވެ. ބައެއް އަރަބި ނޫސްތަކުގައި ރިޕޯޓްކޮށްފައި ވާގޮތުން އެކުއްޖާ ގަޔަށް ބަޑިޖެހުމަށް ފަހު އެއްވެސް ފަރުވާއަކަށް ފުރުޞަތު ނުދީ ވަނީ ބާއްވާފައެވެ. އަދި ސަހީދުވީ އޭގެ ކުޑައިރުކޮޅެއް ފަހުން ލޭހުސްވެގެން ކަމަށް ވެއެވެ.

މީގެ އިތުރުން ވެސް މިދުވަސް ކޮޅަކީ ޔަހޫދީ ސިފައިންގެ ފައުޖުތަކުން ގިނަ އަދަދަކަށް ކުޑަކުދިން ޝަހީދުކުރަމުން ގެންދާ ދުވަސްވަރެކެވެ. ރެފިއުޖީ ކޭމްޕްތަކަށް ޙަމަލާތައް ދެމުން ގެންދަނީ ޤަސްދުގައި ނަސްލެއް ނައްތާލުމުގެ ނިޔަތުގައި ކަމަށް ބެލެވެއެވެ. މިހާތަނަށް އެތައް ހާސް ކުޑަކުދިންނެއް ވަނީ ޝަހީދުކޮށްލާފައެވެ.

ދާދި ފަހުން ޝަހީދުކޮށްލި މުޙައްމަދު ޞަލާޙް ބަހާރު އަކީ ޑައުން ސިންޑްރޯމް ބަލި ހުރި 12 އަހަރުގެ ކުޑަކުއްޖެކެވެ. އެކުއްޖާ ޝަހީީދުކޮށްލާފައި ވަނީ ރެފިއުޖީ ކޭމްޕްގައި ކުޅެން އިންދާ ކަމަށް ވެއެވެ. މިފަދަ އެތައް ހާސް ކުދިންނެއް ވަނީ ޝަހީދުކޮށްލާފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ދުނިޔޭގައި ހިންގަމުން ގެންދާ އެންމެ ބޮޑު ޤަތުލުއާންމުކަމުގައި ވެއްޖެއެވެ.

© 2023 milauthuru. All rights reserved.