މިލައުތުރު

އަނަންތު އަމްބާނީގެ 600 މިލިޔަން ޑޮލަރުގެ ކާވެނި ޙަފުލާއަށް ދިވެހިރާއްޖެއިން ދަޢުވަތު ލިބުނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް

އިންޑިޔާގެ މަހުޖަނު މުކޭޝް އަމްބާނީގެ ދަރިކަލުން އަނަންތު އަމްބާނީގެ ކާވެނި ޙަފުލާގައި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވަޑައިގެންފިއެވެ.

އަނަންތު އަމްބާނީގެ ކާވެނި ޙަފުލާއަށް ދަޢުވަތު ދެއްވި ދުނިޔޭގެ ލީޑަރުންގެ ލިސްޓްގައި ރައީސް ނަޝީދުގެ ނަންފުޅު ހިމަނުއްވައިފައި ވަނީ ރާއްޖޭގެ ކުރީގެ ރައީސްގެ ޙައިސިއްޔަތުންކަމެއް، އެމަނިކުފާނު މިހާރު ފުރުއްވަމުން ގެންދަވާ މަޤާމުގެ ޙައިސިއްޔަތުންކަމެއް ކަށަވަރެއް ނޫނެވެ. އެހެން ނަމަވެސް ދުނިޔޭގެ މަޝްހޫރު ލީޑަރުން ހިމެނިވަޑައިގަންނަވާ ލިސްޓެއްގައި އެމަނިކުފާނުގެ ނަންފުޅު ހިމެނިވަޑައިގަތްކަމީ ދިވެހިރާއްޖެއަށް ލިބޭނެ ރީތި ނަމެއްގެ ގޮތުގައި އިންޑިޔާގެ ބައެއް ނޫސްތަކުގައި ޚަބަރު ފަތުރާފައި ވެއެވެ. އެހެނީ ރާއްޖޭގެ އެއްވެސް ބިލިޔަނަރަކަށް ވެސް، ތަރިއަކަށް ވެސް ދަޢުވަތު ލިބިފައެއް ނުވެއެވެ.

އަނަންތު އަމްބާނީގެ ކާވެނި ޙަފުލާއަށް ދަޢުވަތު ދެއްވި ދުނިޔޭގެ މަޝްހޫރު ލީޑަރުންގެ ނަންފުޅުތައް ވަނީ އަމްބާނީގެ އާއިލާއިން ޢާންމުކުރައްވާފައެވެ. އޭގެތެރޭގައި ހިމެނެނީ އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން އާއި، ކުރީގެ އިނގިރޭސި ބޮޑުވަޒީރު ޓޯނީ ބްލެއާރ އާއި، އިޓަލީގެ ކުރީގެ ބޮޑުވަޒީރު މާޓެއޯ ރެންޒީ އާއި، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި، ކުރީގެ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި، އެމެރިކާގެ ކުރީގެ ސެކްރެޓެރީ އޮފް ސްޓޭޓް ޖޯން ކެރީ އާއި، ޓެންޒޭނިޔާގެ ރައީސާ ސާމިޔާ ސުލުހު ޙަސަން އާއި، ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ސްޓީފަން ހާޕާ އާއި، ސްވިޑްންގެ ކުރީގެ ބޮޑުވަޒީރު ކާލް އާއި، ކުވައިތުގެ އިންވެސްޓްމަންޓް އޮތޯރިޓީގެ އެމްޑީ ބަދުރު މުޙައްމަދު އާއި، އޮސްޓްރޭލިޔާގެ ކުރީގެ ބޮޑުވަޒީރު ސެބަސްޓިއަން އެވެ.

އަމްބާނީގެ ދަރިކަލުންގެ ކާވެނީގެ ޙަފުލާގައި އިންޑިޔާގެ ތަރިންގެ އިތުރުން ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިން ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި މަޝްހޫރު ލަވަކިއުންތެރިޔާ ރިއާނާ އާއި ޖަސްޓިން ބީބާ ހިމެނެއެވެ. އެ ދެތަރިން ވެސް ކާވެނީގެ ކުރިން ބޭއްވި ޙަފުލާތަކުގައި ލަވަތައް ހުށަހަޅުއްވާފައި ވެއެވެ. ޚަބަރުތައް ބުނާގޮތުން ރިއާނާއަށް 9 މިލިޔަން ޑޮލަރު، ޖަސްޓިން ބީބާއަށް 20 މިލިޔަން ޑޮލަރު އަމްބާނީ އާއިލާއިން ދައްކާފައި ވެއެވެ. އަދި މީގެ އިތުރުން އިންޑިޔާގެ ހުރިހާ ބޮޑެތި ދަރިން ހުށަހެޅުއްތައް ހުށަހަޅުއްވައިދެއްވާފައި ވެއެވެ. އެހެންކަމުން މިއީ އިންޑިޔާގެ ތާރީޚުގައި ވެސް ބޭއްވުނު އެންމެ ބޮޑު ކާވެނި ޙަފުލާއެވެ.