މިލައުތުރު

މުށިމަހު ގަރުދިޔައަށް އޮތް ޑިމާންޑް މައްޗަށް ދިއުމުން ނަރުދޫ މީހުން ހޭވައްޓާލާފައި މަސްބާނަނީ.

ރާއްޖޭގައި ގަރުދިޔައަށް އޮތް ޑިމާންޑް ކުއްލިއަކަށް މައްޗަށް ދިއުމުން ށ. ނަރުދޫގެ ރައްޔިތުންނަށް އެކަންވީ ބޮޑު މަންފާ ލިބޭ ކަމަކަށެވެ. ނަރުދޫގެ ފަޅުތެރެއަށް ގިނަ އަދަދެއްގެ މުށިމަސް ވަދެފައި އޮތް ދުވަސްވަރެއް ކަމުން އެމީހުން ހޭބޯނާރާ މިހާރު ކުރާކަމަކީ މުށިމަސް ބޭނުމެވެ.

ށ. ނަރުދޫއިން ވާހަކަދެއްކި މީހަކު ބުނިގޮތުގައި ކުއްލިއަކަށް މުށިމަހުގެ ޑިމާންޑް ބޮޑުވެއްޖެކަމަށާއި، މިހާރު ނަރުދޫގެ އިތުރުން އަތޮޅުގެ އެހެން ރަށް ރަށުންނާއި، ދުރު ހިސާބުތަކުގެ ރަށްރަށުން ވެސް އޯޑަރުތައް ލިބޭކަމަށެވެ. އަދި ގިނަ ބަޔަކު މަސްބޭނުމުގައި މިހާރު ޙަރަކާތްތެރި ވާކަމަށާއި، އެވްރެޖްކޮށް ދުވާލަކު ކޮންމެ މީހަކު މަދުވެގެން 250 މުށިމަސް ބާނާކަމަށާއި، އެވަރުން ވެސް ޑިމާންޑަށް ކޭޓަރ ނުކުރެވޭކަމަށެވެ. އެއާ އެކު މުށިމަހުގެ އަގު ވެސް ވަނީ މައްޗަށް އަރާފައެވެ. ގިނަ މީހުން މިހާރު ވިއްކަނީ 10 ރުފިޔާއަށް 3 މަސް ނުވަތަ އެއަށް ވުރެވެސް ބޮޑުކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ.

ކުއްލިއަކަށް ގަރުދިޔައަށް އޮތް ޑިމާންޑް މައްޗަށް ދިޔައީ ޕީއެންސީ ހައުސްގައި ރައީސް އޮފީހުގެ މިނިސްޓަރ އޮނަރަބަލް ޢަލީ އާރިފު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދެއްވި އިރުޝާދެއްގެ ސަބަބުންނެވެ. އެމަނިކުފާނު ވިދާޅުވީ ޤައުމުގެ އިޤްތިޞާދީ ޙާލަތު ވަރަށް ނާޒުކު ކަމަށާއި، ރައްޔިތުން ވެސް ޓޭކްއަވޭތައް ހުއްޓާލާ ގޭގައި ކައްކައިގެން ގަރުދިޔަ އާއި ބަތާ ކާން އާދަކުރަން ވެއްޖެ ކަމަށެވެ. މިވާހަކަ އާއި ގުޅިގެން ސޯޝަލް މީޑިޔާ ގަޑަ ގަޑަ ޖަހާފައި ގަރުދިޔަ ތެއްޔެއްހެން ވަނީ ކެކެން ފަށާފައެވެ. އެގޮތުން ގަރުދިޔަ އާއި ބަތުގެ ރީތި ފޮޓޯތަކާއި، ލަވަތަކާއި، ލިޔުންތައް ޙިއްސާކުރަން ފެށުމުން މީހުންގެ ހިތްތައް ގަރުދިޔައަށް ދަހިވެ، ގަރުދިޔާ އާއި ބަތްކާން ބޭނުންވަނީއެވެ. މިހާރު ރާއްޖޭގައި އެންމެ ޑިމާންޑް ބޮޑު ކެއުމަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ގަރުދިޔަ އާއި ބަތެވެ.

One Reply to “މުށިމަހު ގަރުދިޔައަށް އޮތް ޑިމާންޑް މައްޗަށް ދިއުމުން ނަރުދޫ މީހުން ހޭވައްޓާލާފައި މަސްބާނަނީ.”

  1. ޞަބާޙު

    ރައީސް އޮފީހުގެ މިނިސްޓަރ އޮނަރަބުލް ޢަލީ ޢާރިފުގެ ޖިސްމަށް ތަދުނުވާހެން ނަފްސުގަ ގަލުން ތިތަޅުއްވަނި . ގަރުދިޔައަކީ ދިވެހިންނަށް އަބަދުވެސް ކަމުދާ އެއްޗެކެވެ . ދަތި ޙާލަތްތަކުގަ ކެތްތެރިވެ އާދަވެކުރާ ބައެއްކަންކަމުން ދުރުހެލިވާންޖެހެއެވެ.

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.