މިލައުތުރު

އުރީދޫ މަސްރޭސް މިފަހަރު 3 ސަރަޙައްދެއްގައި ބާއްވަނީ…

މިއަހަރުގެ އުރީދޫ މަސްރޭސް އޯގަސްޓްމަހު ބާއްވާގޮތަށް އުރީދޫ މޯލްޑިވްސްއިން ހަމަޖައްސައި އިޢުލާންކޮށްފިއެވެ.

މިފަހަރުގެ މަސްރޭސް ހަމަ އެކަނި މާލޭ ސަރަޙައްދުގައި ބޭއްވުމުގެ ބަދަލުގައި ރާއްޖޭގެ 3 ސަރަޙައްދެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިއަހަރުގެ މަސްރޭސް ވެގެންދާނީ މިހާތަނަށް ބޭއްވޭ އެންމެ ކުލަގަދަ، ފޯރިގަދަ މަސްރޭސްކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.

މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކ.ހިންމަފުއްޓާއި، ޅ. ނައިފަރުގެ އިތުރުން ތިނަދޫ ސިޓީގައެވެ. އެގޮތަށް ނިންމި މައިގަނޑު ސަބަބަކީ މަސްރޭހުގެ އުފަލުގައި ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުންކަމަށެވެ.

އުރީދޫ މަސްރޭހަކީ އުފާވެރި މާޙައުލެއްގެ ތެރެއިން އެއްބައިވަންތަ ކަމުގެ ރޫޙު އާލާކޮށް މަސްވެރިކަން ޕްރޮމޯޓްކުރުމަށް ކުރިއަށް ގެންދާ އިވެންޓެކެވެ. މިއަހަރުގެ އިވެންޓް ކުރިއަށް ދާނީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވުޒާރާއާއި ގުޅިގެންކަމަށާއި، “މަސްރޭސް ޕޯޓަލް” މެދުވެރިކޮށް ރަސްޖިސްޓްރީ ވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން ޖުލައި 24 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ޓީމްތައް ރަޖިސްޓްރީ ކުރެވޭނެކަމަށް އެކުންފުނިން މަޢުލޫމާތު ދެއެވެ. ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 8 – 12 ދެމެދުގެ ޢަދަދަކަށް މެމްބަރުން ތިބެންޖެހޭނެ ކަމަށާއި، މަސްރޭސް ހިންމަފުށީގައި އޮންނާނީ އޯގަސްޓް 9 ގައި ކަމަށާއި، ތިނަދޫގައި އޮންނާނީ އޮގަސްޓް 16 ގައި ކަމަށާއި، ނައިފަރުގައި އޮންނާނީ އޯގަސްޓް 23 ވަނަ ދުވަހު ކަމަށެވެ.

މިއަހަރުގެ މަސްރޭހުގައި އެއްވަނަ ޓީމަށް 25000 ރުފިޔާ، ދެވަނަ ޓީމަށް 10000 ރުފިޔާގެ އަދި ތިންވަނަ ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމާ ހަނދާނީ ލިޔުން ލިބޭނެއެވެ. އަދި މީގެ އިތުރުން އެންމެ މޮޅު މަސްވެރިޔާއާއި އެންމެ މޮޅު ފިޝަރވުމަން ހޮވާ، އެއިން ކޮންމެ މީހަކަށް 1000 ރުފިޔާގެ އިނާމެއް ދިނުމަށްވަނީ ކަނޑައާޅާފައެވެ.

© 2023 milauthuru. All rights reserved.