މިލައުތުރު

ސެކްރެޓަރީ ޖެނަރަލްއެއް ބޭނުންނުވާކަމަށް ހއ.އަތޮޅު ކައުންސިލުން ފާސްކޮށްފި.

ހއ. އަތޮޅު ކައުންސިލަށް ސެކްރެޓަރީ ޖެނަރަލެއް ބޭނުންނުވާކަމަށް އެކައުންސިލުން ފާސްކޮށްފިއެވެ. ކައުންސިލުން މިގޮތަށް ފާސްކޮށްފައި މިވަނީ އެ ކައުންސިލަށް ސެކްރެޓަރީ ޖެނަރަލްއެއް ހޯދުމަށް ސިވިލް ސާރވިސް ކޮމިޝަނުން އިއުލާނުކޮށް އެ މަޤާމަށް ކެންޑިޑޭޓުން ކުރިމަތިލާފައި ވަނިކޮށެވ.

ކައުންސިލަށް ސެކްރެޓަރީ ޖެނަރަލްއެއް ހޯދުމަށް ސިވިލް ސާރވިސް ކޮމިޝަނުން އިއުލާނުކޮށްފައިވަނީ 2024 ޖުލައި 4 ވަނަ ދުވަހުއެވެ.އެ އިއުލާނުގައި ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2024 ޖުލައި 14 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފާއިތުވެދިޔަ ހަފްތާގައި ހއ. އަތޮޅު ކައުންސިލުންވަނީ ސެކްރެޓަރީ ޖެނަރަލްއެއް ބޭނުންނުވާކަމަށް ބަޔާންކޮށް ސިވިލް ސާރވިސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައެވެ. އަދި އެ ސިޓީއާއި ގުޅިގެން ކައުންސިލްގެ ރަސްމީ ނިންމުމެއް ފޮނުވުމަށް ކޮމިޝަނުގެ އިސް މުވައްޒަފަކު ކައުންސިލަށް ލަފާދީފައިވެއެވެ.

ސެކްރެޓަރީ ޖެނަރަލެއް ބޭނުންނުވާކަމަށް އެކައުންސިލުން ފާސްކޮށްފައިވަނީ 2024 ޖުލައި 23 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 129 ވަނަ އާންމު ޖަލްސާގައެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ވާގޮތުން ކައުންސިލްތަކުގެ މާލީ ޒިންމާދާރުވެރިޔާ އަކީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްއެވެ. ހއ. އަތޮޅު ކައުންސިލްގައި މާލީ ޒިންމާދާރު ވެރިއެއްނެތި ދައުލަތުގެ މާލިއްޔާއިން މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށް ހއ. އަތޮޅު ކައުންސިލުން ފިލިޕީންސްއަށް 2024 ޖޫން 25 ން ޖުލައި 04 އަށް ދަތުރު ދިއުމުން ރައްޔިތުން މަޖިލީހުގެ ނާއިބް ރައީސް އަދި މާލިއްޔަތު ކޮމިޓީގެ މުޤައްރިރު އަޙްމަދު ނާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 2024 ވަނަ އަހަރަށް ދައުލަތުގެ މާލިއްޔާއިން ބްލޮކް ގްރާންޓްގެ ގޮތުގައި ހއ.އަތޮޅު ކައުންސިލަށް ހަމަޖައްސާފައިވަނީ 14 މިލިޔަން ރުފިޔާއެވެ.

© 2023 milauthuru. All rights reserved.