މިލައުތުރު

ރައްޔިތުންގެ ޖިސްމާއި ފުރާނައާ މުދާ ރައްކާތެރި ނުކުރެވޭ ޙާލަތެއް އުފަންވެއްޖެ ކޮންމެ ވެެރިކަމެއް ވެސް ވެއްޓޭކަމީ ޢިބްރަތެއް!

ދިވެހިރާއްޖެއާއި ގާތް ގުޅުމެއް އޮންނަ ބަންގާޅުގައި އިއްޔެ ހިނގާދިޔަ އެންމެ ބޮޑު ޙާދިސާއަކީ ޚުދުމުޚުތާރު ގޮތްތައް ގެންގުޅުންވި ބާރު ގަދަ ސިޔާސީ ލީޑަރު އަދި އެޤައުމުގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އިސްތިޢުފާދެއްވުމަށް ފަހު ޤައުމު ވެސް ދޫކުރައްވާ ފިއްލަވަން ޖެހިވަޑައިގަތުމުގެ ޙާދިސާއެވެ.

ބަނގުލަދޭޝްގެ ޙާލަތު ގޯސްވީ ސަރުކާރުގެ ވަޒީފާތަކަށް މީހުން ނެގުމުގައި ގެންގުޅުއްވާ ކޯޓާ ނިޒާމަށް ގެނެވުނު ބަދަލުތަކާއެކު ފެށުނު މުޒާހަރާތައް، ހަޅުތާލުތަކަކަށް ބަދަލުވެ، ރައްޔިތުން ނިކުމެ ދިފާޢީ ބާރުތަކާ ކުރިމަތިލާން ފެށުމުން މީހުންގެ ގަޔަށް ބަޑިޖަހަން ފެށުމުންނެވެ. މި ހަޅުތާލުތަކުގައި 90 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި، އެތައް ސަތޭކަ ބައެއް ވަނީ ޒަޚަމުވެފައެވެ. އަދި ރައްޔިތުންނާއި ދައުލަތުގެ މުދަލައް ވަނީ ގެއްލުންތައް ލިބިފައެވެ.

އެންމެ ފަހުން ބަންގާޅުގެ ކިޔަވާކުދިންތައް މަގުމައްޗަށް ނިކުމެ ފާޅުގައި ހަޅުތާލުތަކާއި އަޑުއުފުލުންތަކުގައި ބައިވެރިވުމުން މުޒާހަރާތައް ދިހަ ގުނަ ބޮޑުވެގެންދިޔައެވެ. އަދި ދިފާޢީ ބާރުތަކަށް ބޮޑު ގޮންޖެހުމަކަށް އެކަން ވެގެންދިޔައެވެ. އަދި މުޒާހަރާތައް ކަންޓްރޯލުން ނެއްޓި ދިފާޢީ ބާރުތަކަށް ޖެހުނީ އެމީހުން ދޫކޮށްލާށެވެ. ނަތީޖާއެއްގެ ގޮތުން މަޖިލިސްކުރާ ގެއާއި، ހަސީނާގެ ގެކޮޅަށް ވެސް ރައްޔިތުން ވަދެ ބިރުވެރި ޙާލަތަކަށް ދިއުމެވެ. އަދި ބޮޑުވަޒީރު ހަސީނާ އިސްތިޢުފާ ދެއްވުމަށް ފަހު އަވައްޓެރި އިންޑިޔާއަށް ވަޑައިގެން ފިއްލެވިއެވެ.

މިއީ ދާދި ފަހުން އަވައްޓެރި ސްރީލަންކާގައި ވެސް ފެނިގެންދިޔަ މަންޒަރެވެ. މިފަދަ ކަން ކަމުން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ ސަރުކާރެއް ދިފާޢުކުރުމަށްޓަކައި ރައްޔިތުންގެ ލޭ އޮހޮރުވާލައި، އެމީހުންގެ ޖިސްމާއި ނަފުސާއި މުދާ ރައްކާތެރި ނުކޮށްދެވޭ ސަރުކާރެއް ދެމި ނޯންނާނެ ކަމާއި އެފަދަ ލީޑަރުންގެ ނިމުން ހިތިވާނެކަމެވެ.

© 2023 milauthuru. All rights reserved.