މިލައުތުރު

ރައްޔިތުންގެ ނޭވާ ހާސްކޮށްލުމަށް ފަހު ޑޮލަރު ލިމިޓް ބަދަލުކުރަން ނިންމި ނިންމުން ބަދަލުކޮށްފި.

ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން ކުރެވޭ ޑޮލަރުގެ މުޢާމަލާތްތައް ލިމިޓް ކުރުމަށް ނިންމި ނިންމުން މިއަދު އޮތް ކުއްލި ބޯޑް މީޓިންގ ގައި އުވާލައިފިއެވެ. އެކަމާ ގުޅޭގޮތުން ބެންކްގެ ނޯޓިސްގައި ބުނެފައި ވަނީ 25 އޮގަސްޓް 2024 ގައި އިޢުލާންކުރި ރާއްޖެއިން ބޭރުގެ މުޢާމަލާތް ކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ބެންކްގެ ރެގިއުލޭޓަރ، އެމްއެމްއޭގެ އިރުޝާދަށް ބަލައި މިހާރު ވަނީ އަނބުރާ ގެނެވިފައި ކަމަށެވެ.

ބޭންކްގެ އެ ނިންމުން އިޢުލާން ކުރުމާއެކު ރައްޔިތުން ވަރަށް ކަންބޮޑުވިއެވެ. އަދި ވަކިން ޚާއްޞަކޮށް ބޭރު ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކާއި، ކާޑުތައް ބޭނުންކޮށްގެން އޮންލައިން ވިޔަފާރިތައް ކުރާ ފަރާތްތަކުން ވަކިން ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުން ގެންދިޔައެވެ. އަދި އަނެއް ބަޔަކު ތިބީ ބޭރު ފައިސާ ހުސްވެދާނެތީ ކަންބޮޑު ވެފައެވެ.

މީހުންގެ ހިތުގައި މިހާރު އުފެދޭ ސުވާލަކީ އިޤްތިޞާދީ އަދި މާލީ ޙާލަތު އެހާ ނާޒުކު ފައްތަރަކަށް ވެއްޓުނީތޯއެވެ. ރައްޔިތުންނަށް އޮތީ ކޮން ގޮތެއްތޯ އާއި، މި ޙާލަތުގައި ރައްޔިތުން ވިސްނަންވީ ކޮން ގޮތަކަށްތޯ އާއި، ސަމާލުކަން ދޭންވީ ކޮން ކަމަކަށްތޯއެވެ.

ބައެއް މީހުންގެ ޝަކުވާއަކީ ވެގެން އުޅޭގޮތާއި، ޙަޤީޤީ ޙާލަތު ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ސާފުނުކޮށްދޭ ކަމުގެ ޝަކުވާއެވެ. އެމީހުން ބުނާގޮތުގައި ކަން ކަން އެންމެ ގޯސްވުމުގެ ކުރިން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެއެވެ.

© 2023 milauthuru. All rights reserved.