ކުރީ ސަރުކާރުތަކާ ޚިލާފަށް މިސަރުކާރު ފެންނަނީ ވަރަށް ޒަމާނީކޮށް ވަރަށް ތަފާތުކޮށް ޒަމާނީ މީޑިޔާގެ ވަޞީލަތްތައް ފުޅާ ދާއިރާއެއްގައި ބޭނުންކުރައްވާތަނެވެ. އެގޮތުން ރައީސް އާއި ނައިބު ރައީސް އާއި ވަޒީރުން ހިމެނޭހެން މުޅި ސަރުކާރު ވަނީ ޓިކްޓޮކް ބޭނުންކުރައްވަން ފައްޓަވާފައެވެ.
ސަރުކާރުގެ އެކި އެކި ވުޒާރާތަކުން ކުރައްވަމުން ގެންދަވާ ހުރިހާ ކަމެއް ވަގުތުން ވަގުތަށް ޓިކްޓޮކްގައި ޙިއްސާ ކުރައްވާ ކަމީ މިފަހަކަށް އައިސް ފެންނަމުންދާ ވަރަށް ތަފާތު ކަމެކެވެ. އަދި މިއީ ރައްޔިތުންނަށް ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދެއްވުމަށާއި، ވީހާވެސް ދެފުއް ފެންނަ ގޮތަށް ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދެއްވަން މަސައްކަތް ކުރައްވާ ކަމުގެ ވަރަށް ފުރިހަމަ ދަލީލެކެެވެ.
މީގެ ކުރީގެ ސަރުކާރުތަކުން ސިޔާސީ ފެންވަރުގެ ބޭބޭފުޅުން އެންމެ ބޮޑަށް ބޭނުންކުރެއްވީ އެކްސް ކަމުގައި ފާހަގަކުރެވެއެވެ. އަދި ނިސްބަތުން ޓިކްޓޮކް ބޭނުންކުރެއްވީ މަދު ބޭފުޅުންނެވެ. އެހެން ނަމަވެސް މިސަރުކާރުގެ އިސްވެރިންގެ ތެރޭގައި ޓިކްޓޮކް ބޭނުން ނުކުރައްވާ ބޭފުޅަކު ނެތޭ ދެންނެވުން ވެސް ކުށަކަށް ނުވާނެއެވެ. މިއީ ރާއްޖޭގެ ޓިކްޓޮކް ސްޓާރުންނަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެކެވެ.