މިލައުތުރު

ކުރިން އެންމެ މޮޅު އިކޮނޮމިސްޓަށް ޙައްޤު ޤަދަރެއް މިއަދު ނެތީތޯއެވެ.

ވަރަށް ގިނަ ބަޔަކަށް އިއްތިފާޤު ވެވޭ ގޮތުގައި ރައީސް ޔާމީންްގެ ޒައާމަތުގައި ރާއްޖޭގެ އިޤްތިޞާދު ވަރަށް ހަލުވިކަމާ އެކު ހިންގެވިއެވެ. އަދި ޤައުމުގެ މާލީ ޙާލަތު ދުޅަ ހެޔޮކަންމަތީ ބެލެހެއްޓެވި އެވެ. އެހެންކަމުން އެމަނިކުފާނު ނަންވެފައި ވަނީ އިކޮނޮމިސްޓެއްގެ ގޮތުގައެވެ. ނަމަވެސް މިއަދު އެއީ އެއްވެސް އިޙްތިރާމެއް ޙައްޤު ބޭފުޅެއް ކަމުގައި ކުރިން ޚުޝާމަދުކުރި ފަރާތްތައް ވެސް ނުދެކޭ ފަދައެވެ.

މިހާ ބޮޑު ބަދަލެއް އައީ ކޮން ހިސާބަކުން ކީއްވެގެންތޯ ސުވާލު ކޮށްލުމަކީ މުހިންމު ކަމެކެވެ. ރައީސް ޔާމީން އަކީ ވެރިކަމުގެ 5 އަހަރު ފުރިހަމަ ކުރައްވާފައި ހުންނެވި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެކެވެ. އަދި އިޤްތިޞާދީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައި ޢުމްރާނީ ގޮތުން މާލޭ ސަރަޙައްދަށް ބޮޑު އިންގިލާބެއް ގެނެސްދެއްވި ޕީޕީއެމްގެ ސަޕޯޓަރުން ގޮވަމުން ގެންދިޔަ ތަރައްޤީގެ ބާނީއެވެ.

ރައީސް ޔާމީނަށް ހެއްދެވުނު ގޯހަކީ ކޮބައިތޯއެވެ. އެގޯސް ފެށުނީ ކޮން ހިސާބަކުންތޯއެވެ. މިއީ މިއަދު ހަމަ ކޮންމެ ދިވެހި ރައްޔިތަކު ވެސް ހިތާ ހިތާ ކޮށްލުން ރަނގަޅު ސުވާލެކެވެ. އެހެނީ ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ޙާލަތުގެ ނާޒުކުކަން އިންތިހާއަށް ސީރިއަސް ކަމަށް ވެއެވެ. އެހެން ނަމަވެސް ރައީސް ޔާމީން ފަދަ ވަރުގަދަ އިޤްތިޞާދީ މާހިރުން ތިބެމެ ޤައުމުގެ ޙާލަތު ގޯހުން ގޯހަށް ދަނީއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަތުމަކީ ރައީސް ޔާމީނަށް ޤައުމުގެ ހުންގާނު ގެއްލެން ޖެހޭ ސަބަބެއް ނޫނެވެ. އެހެން ނަމަވެސް ދެވަނަ ފަރާތަކަށް ފުރުޞަތު ދިނުމެއް ނެތި އިޚްތިޔާރު ކުރެއްވީ އިންތިޚާބު ބޯއީކޮޓް ކުރެއްވުމެވެ. ނަތީޖާ އަކަށް ވެގެންދިޔައީ ޕީޕީއެމް ޕީއެންސީގެ ސައުންސިލް މެންބަރުން އެގޮތް ޤަބޫލުނުކޮށް ވެރިކަން ހޯދެން އޮތް ގޮތެއް ހޯއްދެވީއެވެ.

އެންމެ ކުޑަމިނުން ދަރިކަލުން ނުވަތަ އާއިލާ ކުއްޖަކަށް އެފުރުޞަތު ދެއްވުމަށް މަސައްކަތްފުޅު ކުރެއްވި ނަމަ މިއަދު ސަފުން ބާކީވެފައި ހުންނަވާކަށް ނުޖެހުނީހެވެ. އެފުރުޞަތު ކިތަންމެ ފުޅާކޮށް ވެސް އެމަނިކުފާނަށް އޮތްކަމަށް ޕީއެންސީގެ ބައެއް ކައުންސިލް މެންބަރުން މިހާރު ވެސް ވިދާޅުވެއެވެ. އެންމެ ފަހުން އެމަނިކުފާނާ ދެކޮޅަށް ކަންކަން ފާސްކުރެއްވުމަށް ފަހު، ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުޙައްމަދު މުޢިއްޒު ނިކުމެވަޑައިގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީއެވެ.

އެންމެ ފަހުން ރައީސް ޔާމީނަށް ކަތިވަޅި ގެއްލި، މަރިޔަނބު ގެއްލި. ކޮށި ދަނޑުވެސް ގެއްލިވަޑައިގަތީއެވެ. ސިޔާސީ މަސައްކަތްތައް އަލުން އަނެއްކާ ސުމަކުން ފައްޓަވަން ޖެހިވަޑައިގަތީއެވެ. ނުވިތާކަށް އަލުން އަނެއްކާ ކޯޓަށް ވެސް ދަމަން ފެށީއެވެ. މިއީ ބަލަން އެހާ ހިތްފަސޭހަ މަންޒަރެއް ނޫނެވެ.

© 2023 milauthuru. All rights reserved.