މިލައުތުރު

ފުލުހުންގެ ވެހިކަލްތަކުން ސައިރަން އެޅުން އާންމުވެ ސީރިއަސްކަން ގެއްލެނީ…

މިހާރަކަށް އައިސް ފުލުހުންގެ ވެހިކަލްތައް ސައިރަން އަޅާފައި ދުއްވުމުގައި އެއްވެސް ހަމައެއް ލަމައެއް ނެތްކަމަށް ބުނެ އާންމުންގެ ޝަކުވާތައް އިތުރުވެއްޖެއެވެ. ތޮއްޖެހިފައިވާ ކުޑަ ކުޑަ މާލޭގައި އަބަދު އެމަޖެންސީ ވެގެން އުޅެން ޖެހުމަކީ ޙަޤީޤަތުގައި ވެސް ވަރަށް ބޮޑު މައްސަލައެކެވެ.

ބައެއް މީހުން ބުނާގޮތުގައި ފުލުހުންގެ ކާރުތަކާއި ވޭންތަކާ ސައިކަލްތައް ވެސް އެއްވެސް އެމަޖެންސީ ނުވަތަ ޚާއްޞަކަމެއް ނެތަސް އަވަހަށް ދިއުމަށްޓަކައި ވެސް ސައިރަން އަޅައެވެ. ފުލުހުންނަކީ ޤާނޫނަކުން ޚާއްޞަ އިމްތިޔާޒުތަކެއް ލިބިފައިވާ ބައެއް ކަމުގައި ވިޔަސް، އެފަދަ ގޮތްގޮތަށް ސައިރަން ބޭނުންކުރާ ނަމައީ އެކަމުގެ ސީރިއަސްކަން ގެއްލިދާނެ ކަމެކެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ ސައިރަންއަށް ވަރަށް ބޮޑަށް ބޯލަނބާ ބައެކެވެ. ޚާއްޞަކޮށް އެމްބިއުލެންސް ސައިރަންއަށް ވަރަށް ބޮޑަށް ބޯލަނބާ ކިޔަމަންވުމުގެ އާދައެއް އޮތް ބައެކެވެ. އެއީ ޤާނޫނަކުން މަތިކޮށްފައި އޮތްކަމެއް ކަމުގައި ވިޔަސް އަދި އެހެން ނޫނަސް އިންސާނިއްޔަތު ކަމަށްޓަކައި ބަލިމީހާގެ ފަރުވާގެ ޚިދުމަތް އަވަސްކޮށްދިނުމަށް އެހީތެރި ވުމުގެ ގޮތުން ސައިރަންގެ އަޑަަށް ވެހިކަލްތައް މަޑުކޮށް ފަރާތް ފަރާތަށް ޖެހި، ތަންދޭކަމީ އިންސާނިއްޔަތު ކަމުގެ ރިވެތި އަޚުލާޤު ދައްކުވައިދޭ ކަމެކެވެ.

މިކަމަކީ ފުލުހުންގެ އިސްވެރިންނަށް ފާހަގަކުރެއްވޭ ކަމެއް ނަމަ ކޮންމެވެސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ބައެއް މީހުން ދެކެއެވެ. ޙަޤީޤަތުގައި ވެސް މިއީ އެކަން ހިނގާ ގޮތްކަމުގައި ވާނަމަ، ޙައްލެއް ބޭނުންވާ ކަމެކެވެ. ފުލުހުންގެ ޚިދުމަތަށް އޮންނަ އިތުބާރު އިތުރުކުރުމަށް މިފަދަ ކަންކަން ވެސް އިސްލާޙް ވާންޖެހެއެވެ. އެއްވެސް ތަންފީޒީ އިދާރާއަކުން އެއްވެސް ޤާނޫނެއްގެ ބޭނުން ނާޖާއިޒުގޮތުގައި ބޭނުންކޮށްގެން ނުވާނެއެވެ. އަދި ކުރިޔަދީގެން ވެސް ނުވާނެއެވެ.

© 2023 milauthuru. All rights reserved.