ނިބްރާސް އިވާން

ވަރުގަދަ ޓީމުތަކާއި އެކު މީ އޭ މައިލޯ ފުޓްސަލް މުބާރާތް ސެޕްޓެމްބަރ 20 ގައި ފޯކައިދޫގައި ފަށަނީ.

މީ އޭ މައިލޯ މެނޭޖުމަންޓުގެ ބޭފުޅުން ވިދާޅުވާ ގޮތުގައި، މި މުބާރާތަކީ ށ.ފޯކައިދޫ ޒުވާނުންގެ މެދުގައި ފުޓްސަލްގެ ރޫހު ދިރުވައި އާލާކުރުމަށާއި، ފޯކައިދޫގައި ހުނަރުވެރި ޤާބިލް ފުޓްސަލް ކުޅުންތެރިންތަކެއް އުފެއްދުމުގެ މާތް މަޤުސަދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތަކީ ސިލްސިލާކޮށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފޯރިގަދަ ފުޓްސަލް މުބާރާތެކެވެ.

މީ އޭ މައިލޯ މެނޭޖުމަންޓްގެ ފަރާތުން އިންތިޒާމު ކޮށްގެން ” މީ އޭ މައިލޯ ފުޓްސަލް ޓޯނަމަންޓް 2024″ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތް 20 ސެޕްޓެމްބަރ 2024 ވާ ހުކުރު ދުވަހުގެ ހަވީރު ފޯކައިދޫ ރަސްމީ ފުޓް ބޯޅަ ދަނޑުގައި ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.

ޖުމުލަ 8 ޓީމް ބައިވެރިވާ މި މުބާރާތް ކުޅެމުންގެންދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް-އޭ ގައި ހިމެނޭ 4 ޓީމަކީ ފަހި އެފްސީ އާއި، ވައިޓް ރައިޑާރސް އާއި، އޮބްލިޓަރޭޓަރސް އަދި ޑޮމިނޭޓަރސް އެވެ. ގްރޫޕް-ބީ ގައި ހިމެނޭ 4 ޓީމަކީ ރިޓަޔާރޑް  އެފްސީ އާއި، އަލަސްކާ ސްޕޯޓްސް އާއި، ބްލެކް ބީސްޓް އަދި ކޭޑީ ޕާކް އެވެ.

މި މުބާރާތް ކުރިޔަށް ގެންދަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި ހިމެނޭ ޓީމް ތަކުގެ މެދުގައި ޕޮއިންޓް އުސޫލުން މެޗްތައްކުޅެ ކޮންމެ ގްރޫޕަކުން އެއްވަނަ އާއި ދެވަނަ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މީ އޭ މައިލޯ މެނޭޖުމަންޓުން ބުނިގޮތުގައި، މިމުބާރާތް މިހާ ފޯރިއާއެކު ކޮންމެ އަހަރަކުވެސް ބޭއްވެނީ ގިނަ ބައެއްގެ އެހީތެރިކަމާއެކުއެވެ. މިގޮތުން މިއަހަރުގެ މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ނަސްފާން ރަޝީދު (ނައްސެ)އެވެ. ކޯ ސްޕޮންސަރަކީ ކޭ.ޓީ ކެފޭއެވެ. މީޑިޔާ ޕާޓްނަރަކީ މިލައުތުރު އޮންލައިންއެވެ. މީގެ އިތުރުން ފޯކައިދޫގެ ވަރަށް ގިނަ ޒުވާނުންގެ ފަރާތުން ނުހަނު ގިނަގުނަ އެހީތެރިކަމާއި އެއްބާރުލުން މުބާރާތަށް ލިބޭކަން ފާހަގަކޮށް އެހުރިހާ ފަރާތްތަކަށް މީ އޭ މައިލޯ މެނޭޖްމަންޓްގެ ފަރާތުން ވަނީ ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރުއަދާކޮށްފައެވެ.

މީގެ އިތުރުން ފޯކައިދޫ ކައުންސިލާއި ފޯކައިދޫ ޕޮލިސް އަދި ފޯކައިދޫ ސިއްހީމަރުކަޒުގެ ފަރާތުން މުބާރާތަށް ފުރިހަމަ އެއްބާރުލުން ދެއްވާކަން ފާހަގަކޮށް މީ އޭ މައިލޯ މެނޭޖްމަންޓްގެ ނަމުގައި ވަނީ އެ ފަރާތްތަކުގެ ނަން ފާހަގަކޮށް ޝުކުރުދަންނަވާފައެވެ.

މި މުބާރާތުގެ އޯޕަނިން ސެރެމަނީ 20 ސެޕްޓެމްބަރ 2024 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 ގައި ކުލަގަދަކޮށް ފޯކައިދޫ ރަސްމީ ބޯޅަދަނޑުގައި ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ މެޗްތައް މީ އޭ މައިލޯ ފޭސްބުކް ޕޭޖުން ލައިވްކުރާނެވެ.

© 2023 milauthuru. All rights reserved.