މިލައުތުރު

އެގްރޯނެޓް އުވާލުމަށް ފަހު ދެން ދަނޑުވެރިކަން ތަރައްޤީކުރާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯނުން – ސަރުކާރު

21 އޭޕްރީލް 2020 ވަނަ އަހަރު އުފެއްދެވި އެގްރޯނެޓްގެ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯންގެ ދަށަށް ބަދަލުކޮށް ދަނޑުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރައްވާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އުތުރު ތިލަފަޅުގައި ސަރުކާރުން ޤާއިމުކުރާ ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ފެށުމަށް ހަމަޖެހިފައި ވާކަމަށާއި، އެކަމުގައި އުވާލި އެގްރޯނެޓްގެ ދައުރުވެސް މުހިންމުވާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން އާއި ޗައިނާގެ ހާބަރ އިންޖިނިއަރިންގ ލިމިޓެޑާއި ގުޅިގެން އުތުރުތިލަފަޅު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ މިއަހަރުގެ މާޗްމަހުގެ 28 ގައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު އިތުރަށް ވިދާޅުވި ގޮތުގައި އުތުރުތިލަފަޅުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅުގައި ފެށޭވަރު ވާނެއެވެ. އަދި ގާތްގަނޑަކަށް 250 މިލިޔަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރެވޭނެ ކަމަށެވެ.

ވޭތުވެދިޔަ 9 މަސްދުވަހު އެގްރޯނެޓަށް އެއްވެސް ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. ކުންފުނިން ކުރިން ކުރަމުން ގެންދިޔަ ކޮންޓްރެކްޓް ފާމިންގ މަޝްރޫޢު ވެސް ވަނީ ހުއްޓިފައެވެ. އެހެންކަމުން އެގްރޯނެޓް ހަމަ މަގަށް އެޅުވުމަށްޓަކައި ވެސް މިއީ ވަރަށް ރަނގަޅު ބަދަލަކަށް ވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.

© 2023 milauthuru. All rights reserved.