ކުރީ ސަރުކާރުން ދަނޑުވެރިކަން ތަރައްޤީކުރުމަށް އުފެއްދި ކުންފުނިން ޒަމާނީ ފެންވަރުގެ ޔޮޓް ސަފާރީއެއް ކަމަށް ބެލެވޭ ލަގްޒަރީ ބޯޓެއް ބަނދެ މޫދަށް ބާލައިފި ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ޔޮޓް ބަނދެފައި ވަނީ ކ. ހުރާގައެވެ. އަދި ބޯޓް މޫދަށް ބާލާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ. ހުރާއިން ވާހަކަދެއްކި މީހަކު ބުނިގޮތުގައި މި ޔޮޓް މޫދަށް ބޭލުމަށް ފަހު ހުރާގެ ފަޅުގައި އަޅާފައި އެބައޮތެވެ.
މިއީ މިހާތަނަށް ރާއްޖޭގައި އުފެއްދި މިފަދަ ފުރަތަމަ ފަރުމާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މިއުޅަނދަކީ މެރިން ޕޮލިހުގެ ކޮންސަންޓެންސީގެ ދަށުން ފިކްސިން މެރިން ބޯޓްޔާޑުގައި ތަރައްޤީކޮށްފައިވާ ފައިބަރު އުޅެނދެކެވެ.
މި ޔޮޓް ސަފާރީގައި ތަރުކާރީ އާއި މޭވާ އުފުލުމަށް ޚާއްޞަ ފިނިކޮޓަރިތައް ވެސް ޤާއިމުކޮށްފައި ވާކަމަށް ވެއެވެ. ކ. ހުރާގެ ފަޅުތެރޭގައި އަޅާފައި އޮތް މި ސަފާރީ ވަރަށް ރީތިކަމަށް އެރަށު މީހުން ބުނެއެވެ.