މިލައުތުރު

މާލޭ ސަރަޙައްދުގައި އޮތް ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް މަދުވަނީ އިޚްލާޞްތެރިކަން…

މާލެ އާއި ހުޅުމާލޭގައި ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް މަދުވަނީ އިޚްލާސްތެރިކަމޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. ކޮންމެ ސަރުކާރަކުން ވެސް މި މައްސަލަ ޙައްލުކުރުމުގެ ނަމުގައި ވަރަށް ގިނަ ކަންކަން ކުރައްވައެވެ. އެހެން ނަމަވެސް އެއްވެސް ޙައްލެއް ނުލިބެއެވެ.

ރައީސް ޔާމީންގެ ޒައާމަތުގައި ވެސް ވެހިކަލް ޕާކުކުުރުމަށްޓަކައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް މާލެ އާއި އުޅުމާލޭގައި ހަދާފައި ވެއެވެ. އެތައް މިލިޔަން ރުފިޔާއެއް ޚަރަދުކޮށްގެން ބިނާކުރި އެފަދަ އެއްވެސް ސިސްޓަމެއްގެ ބޭނުމެއް ކުރާކަށް ނުލިބި އެތަން ތަން ދަބަރަށްވެ ނެތިދަނީއެވެ.

ރައީސް ޞާލިޙްގެ ސަރުކާރު ވެގެންދިޔައީ ވެހިކަލް ރަޖިސްޓަރީ ކޮށްދެއްވުން ސަބީލިއްލާހިއަށް އުޅުވާލަދެއްވި ސަރުކާރަކަށެވެ. މަޢުލޫމާތު ލިބޭގޮތުގައި ނިމިދިޔަ ސަރުކާރުގެ 5 އަހަރު ދުވަހުގެ ތެރޭގައި ހަތަރު ފުރޮޅުލީ 20،000 އުޅަނދު އެތެރެކޮށްފައި ވެއެވެ. އަދި އެތައް ހާސް ކާރެއް މާލޭ ޒޯނަށް ރަޖިސްޓަރީ ކޮށްދެއްވާފައި ވެއެވެ.

އެއްވެސް ޢިލްމެއް ޙިލްމެއް ނެތް މީހަކަށް ޓްރާންސްޕޯޓް މިނިސްޓަރުކަމުގެ މަޤާމު ދިނުމުގެ ނާޖާއިޒު ފައިދާ މިނިސްޓްރީގައި ތިބި ކޮރަޕް މީހުން ނަގާ މުޅި މިނިސްޓްރި އޮޔާލިއެވެ. އެއްވެސް ހަމައެއް ލަމައެއް ނެތި ކާރުތައް ރަޖިސްޓަރީކޮށްދީފައި ވެއެވެ. އެއްވެސް ހަމައެއް ލަމައެއް ނެތި ޑޮމެއިން ނަންބަރުތައް ހިތުހުރި މީހަކަށް ހިތުހުރި މިންވަރަކަށް ވިއްކާފައި ވެއެވެ.

އެއް ގަރާޖަށް 100 ކާރު ރަޖިސްޓަރީ ކޮށްދިނުމާއި، 2027 ވަނަ އަހަރާ ހަމައަށް ކާރުތައް ރަޖިސްޓަރީ ކޮށްދީފައި ވެއެވެ. އަދި ސްކޭމްތައް ހިންގާ މީހުންނަށް އެކަމުގެ ފައިދާ އާއި ޖަރީމާތައް ހިންގުމަށް ފުރުޞަތު ލިބިފައި ވެއެވެ. އެތައް ބަޔަކަށް ލަނޑުދިނުމަށް ފަހު އެތައް މިލިޔަން ރުފިޔާ ފޭރިގެން ފިލާފައި ވެއެވެ.

މިސަރުކާރުން ވެސް މި މައްސަލަ ޙައްލުކުރުމަށް އަދި ހަރުދަނާ އެއްވެސް ފިޔަވަޅެއް ނާޅުއްވައެވެ. ކުރާހާވެސް ކަމަކީ ވެހިކަލް ޓޯކުރުމެވެ. އެކަމުގައި ވެސް އެއްވެސް އިޚްލާޞްތެރިކަމެއް ނެތްކަން ހާމަވެއްޖެއެވެ. ވަޢުދުވީ ޕާކުކުރާނެ ޖާގައެއް ނުދީ ސްޓިކާ ނުޖަހާނެކަމާއި، ޖޫރިމަނާ ވެސް ނުކުރާނެކަމަށް ވަޢުދުވެފައި، ނުކުރާން ބުނި ހުރިހާކަމެއް ކޮށް ނިމިއްޖެއެވެ.

ޙަޤީޤަތުގައި ވެސް އެއްވެސް އިޚްލާޞްތެރި ނިޔަތެއްގައި މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރާތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި ފެންނަނީ ސަރުކާރަށް އާމްދަނީ ހޯދުމަށް ޖޫރިމަނާ ކުރުމަށް ކުރާކަމެއްގެ ގޮތުގައި ވެހިކަލް ޓޯކުރާތަނެވެ. ވެހިކަލް އިމްޕޯޓުކުރުމަށް އެއްވެސް ރެސްޓްރިކްޝަނެއް ތަންފީޒުކުރުމެއް ނެތެވެ. އެއީ ވެސް އާމްދަނީއެވެ. މިއީ ވެސް އާމްދަނީއެވެ. މައްސަލައަށް ޙައްލެއް ނުލިބެއެވެ،

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.