މިލައުތުރު

އެއްވެސް ސަރުކާރަކަށް ނުފެށިފައި އޮތް ބައިނަލްއަޤުވާމީ ބަންކަރިންގެ ޚިދުމަތް މިސަރުކާރުން ފައްޓަވައިފި.

މީގެ ކުރިން ވެރިކަންކުރެއްވި އެއްވެސް ރައީސްއަކަަށް ނުފެއްޓެވި އޮތް ބައިނަލްއަޤުވާމީ ބަންކަރިންގެ ޚިދުމަތް، އަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ ތަރައްޤީގެ ޒައާމަތުގައި އިފްތިތާޙް ކުރައްވައި، ދިވެހިރާއްޖޭގެ ތާރީޚުގައި އެމަނިކުފާނުގެ ނަންފުޅު ރަންކުލައިން ފަވާލައިފިއެވެ.

ދިވެހިރާއްޖެއަށް ބޭރުފައިސާ ލިބޭ ހަމައެކަނި ޞިނާޢަތަކީ ފަތުރުވެރިކަމުގެ ޞިޔާޢަތް ކަމުގައި އޮތް އޮތުން ބަދަލުކޮށްލައްވައި، ރާއްޖެއަށް ވަންނަ ޑޮލަރުގެ އަދަދު ބޮޑުތަނުން އިތުރުކުރެއްވުމަށާއި އިޤްތިޞާދު ޑައިވާސިފައި ކުރެއްވުމަށް ހިންގަވާ މަޝްރޫޢުގެ ދަށުން އުތުރުގައި ބައިނަލްއަޤުވާމީ ބަންކަރިންގެ ޚިދުމަތް ދޭން ފެށުމަކީ ދިވެހީން އުންމީދުވެސް ނުކުރާހާ ބޮޑު ކާމިޔާބީއެކެވެ.

ބޮޑު ތިލަދުންމައްޗަށް މިއައި ބޮޑު އިންޤިލާބީ ތަރައްޤީގެ ސަބަބުން މުޅި ސަރަޙައްދުގެ ރައްޔިތުންގެ ޖީބުތަކަށް ތަނަވަސްކަން ވަދެގެންދާނެއެވެ. އަދި ޑޮލަރަކީ ދިވެހީންނަށް ތަދު އެއްޗަކަށް ވެފައި އޮންނަ އޮތުމަށް ނިމުމެއް އަންނާނެއެވެ. އެސްޓީއޯ އާއި ވިޓޯލް އާއި ގުޅިގެން ބައިނަލްއަޤުވާމީ ބަންކަރިންގެ ޚިދުމަތް އިޝްތިހާރުކުރަން ފެށުމާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އޮޕަރޭޓްކުރާ އަދި ރާއްޖޭގެ އުތުރުގެ ސަރަޙައްދުން ދަތުރުކުރާ ބޮޑެތޮ ބޯޓުފަހަރަށް ބޭނުންވާ ޚިދުމަތްތައް ހޯދުމަށް ނަން ނޯޓްކުރަމުން ދާކަމަށް އެސްޓީއޯގެ އެމްޑީ ޝިމާދު ވިދާޅުވެފައި ވެއެެވެ.

އަދި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުން އެކަމުގެ އުފާ ފާޅުކޮށް ސޯޝަލް މީޑިޔާގައި ރައީސް ޑރ. މުޢިއްޒަށް ތަހުނިޔާ އާއި މުބާރިކުބާދީ ދަންނަވަމުން އެބަގެންދަވައެވެ.

© 2023 milauthuru. All rights reserved.