މިލައުތުރު

ހައްދު ފަހަނައެޅި އިސްރާޢީލް ސިފައިން އެއްގަމުމަގުން ލުބުނާނަށް ޙަމަލާދޭން ފަށައިފި.

ވައިގެ މަގުން ޙަމަލާތައް ދިނުމާއެކު އިސްރާޢީލްގެ ހަނގުރާމަމަތީ ލަޝްކަރުތައް ލުބުނާނުގެ ބޯޑަރު ހުރަސްކޮށްފި ކަމަށް ބައިނަލްއަޤުވާމީ ނޫސްތަކުގައި ރިޕޯޓްކޮށްފި އެވެ. އަދި ލުބުނާނުގެ ރަސްމީ ސަރުކާރުން ވެސް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

އިސްރާޢީލްގެ ޓޭންކްތަކާއި ހަތިޔާރުއެޅި އުޅަނދުތަކާ މީހުން ގިނަ އަދަދަކަަށް ލުބުނާނުގެ ބޯޑަރު ސަރަޙައްދަށް ވަނީ ޖަމާވެފައެވެ. އަދި އިސްރާޢީލްގެ ދިފާޢީ ވުޒާރާއިން ވެސް ވަނީ އެކަން ޔަޤީންކޮށްދީފައެވެ.

ލުބުނާނުގެ ރަސްމީ ސަރުކާރުން ވެސް އަދި ޙިޒްބު ﷲ އިން ވެސް ބުނެފައި ވަނީ އިސްރާޢީލް ސިފައިން އެޤައުމުގެ އެތެރެއަށް ވަނުމަށް ފުރުޞަތު ނުދޭނެކަމަށާއި، ޢަދުއްވުންނާ ދެކޮޅަށް ހަނގުރާމަ ކުރާނެކަމަށެވެ.

މިއީ މެދުއިރުމަތީގެ މަޝްރަޙް އިތުރަށް ގޯސްވެގެންދާނެ ކަމަކަށް ވާތީ، އަރަބި ޤައުމުތަކުގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތެވެ. އަދި ޞުލްޙައިގެ ވާހަކަތަކަށް ފުރުޞަތު ދިނުމަށް ގެންދަވަނީ ތަކުރާރުކޮށް ގޮވާލައްވަމުންނެވެ.

ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ގޮވާލުމަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި އިސްރާޢީލް ސިފައިން ވަނީ ލުބުނާނަށް އަރާފައެވެ. އިސްރާޢީލުން ލުބުނާށް އެރުމަކީ ބޮޑު ހަނގުރާމައެއްގެ ފެށުންކަމުގައި ނޫނީ ނުވާނެއެވެ.

© 2023 milauthuru. All rights reserved.