އަންހެނުންނަށް ގޭގައި ތިބެގެން ސަރުކާރު ވަޒީފާ އަދާކުރެވޭ ފުރަތަމަ ޤައުމަކަށް ރާއްޖެ ބަދަލުކޮށްލުމުގެ ތަސައްވަރެއް ސަރުކާރުން އިޢުލާނު ކޮށްފިއެވެ.
ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން ސަރުކާރު މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން ދިރިއުޅޭ ތަނެއްގައި ’ވޯކް ފްރޮމް ހޯމް‘ އުސޫލުން މަސައްކަތް ކުރެވޭނެ ގޮތް ހެދުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް ”މޯލްޑިވްސް 2.0“ ސަމިޓް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުގެ ސްޕީޑް ހުރިގޮތުން ކުރިއަށް އޮތް ތިން އަހަރާއި ބައިގެ ތެރޭގައި ޑިޖިޓަލައިޒޭޝަންގެ ލަނޑުދަނޑި ހާސިލު ކުރެއްވޭނެ ކަމަށެވެ.
އިސާލާމީ އުޞޫލުތަކާ އެއްގޮތަށް އޮފީސްތަކުގައި ޚިދުމަތް ދިނުމުގައި އަންހެން މުވައްޒަފުން އެމީހުންގެ ޙަޤީޤީ މައިދާނުގައި މަސައްކަތް ކުރުމަށް ވަރަށް ބޮޑު ތަނުން ފަސޭހަވެގެންދާނެ ކަމަށެވެ. އަންހެނުން ބަލަހައްޓަން ޖެހޭ އެންމެ މުހިންމު ތަނަކީ ގެދޮރުކަމުގައި ވާތީ އެވެ.