ޚުދު އިންޑިޔާއަށް ނުހަނު ބޮޑު ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިއޮތް ދަނޑިވަޅެއްގައި ވެސް ދިވެހި ސަރުކާރު ލަދުން ސަލާމަތް ކޮށްދިނުމަށްޓަކައި 50 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓެއް ދީފިއެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު، 12 މެއި 2025 އިން ފެށިގެން އިތުރު އަހަރަކަށް ވަނީ އިތުރުކޮށްދެއްވާފައެވެ. މިއީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮންނަ އަޚުވަންތަ ގުޅުން ހާމަކޮށްދޭ ކަމެއް ކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ބުނެއެވެ.
އިންޑިޔާގެ ދީލަތި އެހީގެ ސަބަބުން ދިވެހި ސަރުކާރުން ގެންނަމުންދާ ފިސްކަލް ރިފޯމްގެ މަސައްކަތްތަކަށް ލުޔެއް ލިބިގެންދާނެކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވައެވެ. މި ދެ ޤައުމުގެ ރައްޔިތުންގެ ލުއިފަސޭހައަށްޓަކައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ ހަރުދަނާ ވުމަކީ މުހިންމު ކަމެއްކަމުގައި ދެކޭ ކަމަށާއި، އިހުނަށްވުރެ ގާތް ގުޅުމެއް ބާއްވާނެ ކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ކަށަވަރު ކޮށްދެއްވައެވެ.
އިންޑިޔާ އައުޓް ކެމްޕެއިންގައި އިސް ދައުރެއްް އަދާކުރެއްވި ޑރ. މުޢިއްޒުގެ ސަރުކާރުގައި އިންޑިޔާ އާއެކު ގާތް ގުޅުމެއް ބޭއްވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.