ދުނިޔެ އަދު ދެކެމުން މިދާ ޒަމާނަކީ ތަފާތު އެކި އެކި ސިފަ ސިފައިގާ ހެއްލުމާ ގެއްލުން ކުރިމަތި ވަމުންދާ ޒަމާނެކެވެ. ކޮންމެ ހެއްލުމަކީ ގެއްލުމެކެވެ. އަދި މިފަދަ ގެއްލުންތައް ފެންނަނީ ވަކި ފަންތިއަކުން ވެސް ނޫނެވެ. އެންމެ މަތިން ފެށިގެން އެންމެ ދަށް ފަންތީގައި ވެސް މެއެވެ.
ކުރިން މަޝްހޫރުވެފައި އޮންނަނީ އެފްރިކާގެ ޤައުމުތަކުގެ ސަރުކާރުތައް ހެއްލުމަށް ފަހު، ދޮންމީހުން ފިލާ ވާހަކައެެވެ. އެހެން ނަމަވެސް އެފަދަ ކަން ކަން މިރާއްޖެއާ ހިސާބަށް އައިސްފާނެ ކަމަކަށް އެއްވެސް ދިވެއްސަކު ޤަބޫލެއް ނުކުރާނެއެވެ. އެހެން ނަމަވެސް އެ ޙަޤީޤަތް ބަދަލުވެއްޖެއެވެ. މިއަދު ބަލައިލި ކޮންމެ ނޫހެއްގެ ފަލަ ސުރުޚީތަކުން ފެންނަނީ ”ފޭކް“ ޕްރިންސަކު ދައުލަތުގެ އެންމެ މަތީ ވެރިޔާއަށް ވެސް އޮޅުވާލި ވާހަކައެވެ. މިއީ ސަމާސާއެއްގެ ގޮތުގައި ދޫކޮށްލެވޭނެ ވާހަކައެއް ނޫނެވެ. އަދި މިއީ ހަމަ އެކަނި ޚާރިޖީ ސިޔާސަތާ ގުޅުން އޮތް ކަމެއް ވެސް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ސަލާމަތާ އިސްތިޤްލާލް ދެމެހެެއްޓުމާ ވެސް ގުޅޭ ވާހަކައެކެވެ. އަދި ބައިނަލްއަޤުވާމީ ދުނިޔޭގެ އިތުބާރު ހިފެހެއްޓުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް އަސަރުކޮށްފާނެ ކަމެކެވެ.
މަތީ ކޮއިލުގެ ތެރޭގައި ކަމެއް ހިނގައިފިއެވެ. އަދި އެކަމެއް ފޮރުވަން ތަފާތު ވާހަކަތައްް އެބަ އަނބުރައެެވެ. އެހެން ނަމަވެސް ޒަމާނަކީ ރޮކެޓް އިސްޕީޑުގައި މަޢުލޫމާތު ފެތުރޭ ޒަމާނެކެވެ. އެހެންކަމުން، ޕްރިންސްގެ ވާހަކަ އޮތީ މުޅި ދުނިޔޭއަށް ފެތުރިގެން ގޮސްފައެވެ. އެއްވެސް ރަސްމީ ފަރާތަކުން އަޑެއް ލައްވައިނުލިޔަސް، މިވާހަކައަށް ”ހެހެހެ“ ރިއެކްޓް ނުކުރާ ހިސާބެއް ނެތެވެ. ޙަޤީޤަތުގައި މިއީ މަޖާކަމެއް ނޫނެވެ. މިއީ ވަރަށް ދެރަކަމެކެވެ.