މިލައުތުރު

ރާއްޖެ ބައިކޯޓުކުރުމަކީ އިންޑިޔާ ތަރިންގެ ހިތަށް ކެތްވާވަރު ކަމަކަށް ނުވި.

ދިވެހިރާއްޖެ އާއި އިންޑިޔާ އާއި ދެމެދުގައި އުފެދުނު ސިޔާސީ ނުތަނަވަސް ކަމެއްގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ބޯއީކޮޓްކުރުމުގެ ކެމްޕެއިނެއް ފެށިއެވެ. އަދި ރާއްޖެ އައުމުގެ ބަދަލުގައި ލަކްޝަދީބަށް ދިއުމަށް އިންޑިޔާގެ މަޝްހޫރު ތަރިން ވެސް ވަނީ ގޮވާލާފައެވެ.

އިންޑިޔާގެ ލަކްޝަދީބަކީ ރާއްޖެއަށް ވުރެ ރީތި ޤުދުރަތީ ގޮނޑުދޮށްތަކާއި، ނޫވިލުތަކާއި، ފަރުތަކާ ރަށްތައް ތަޖުރިބާކޮށްލަން ލިބޭނެ ފަތުރުވެރިކަމުގެ ވަޞީލަތެއްގެ ގޮތުގައި މުޅި ސޯޝަލް މީޑިޔާ ގުގުމާލާ ވަރަށް ކެމްޕެއިން ކުރިއެވެ. އަދި އެކަމުގެ ޖަޒުބާތުގައި ޖެހި ރާއްޖޭގެ ބައެއް ސިޔާސީ ބޮޑުން ހައްދުން ނެއްޓި ދޭދޭ ޤައުމުތަކުގައި އޮންނަ ޒަމާންވީ ރަޙްމަތްތެރި ކަމަށް ބުރޫއަރާ ގޮތްގޮތަށް ހައްދުދީފައި ވެސް ވެއެވެ. އެފަދަ ޢަމަލުތަކުގެ ސަބަބުން މަޝްރަޙް އިތުރަށް ގޯސްވުމުގެ ސަބަބުން ސަރުކާރަށް ޕްރެޝަރު ބޮޑުވެގެން އެފަދަ ފަރާތްތައް ސަސްޕެންޑް ކުރަން ވެސް ޖެހުނެވެ.

މިހުރިހާ ކަމެއް ހިނގަމުންދިޔަ އިރުވެސް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި، އެ ޞިޔާޢަތުގައި މިލިޔަން ޑޮލަރުން އިންވެސްޓް ކުޅަ މީހުންގެ އާދޭހަކީ އެހެން ނަހައްދަވާށޭ އިންޑީޔާ އަކީ ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ އެއް ބާޒާރުކަމުގައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އިންޑީޔާއަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމަށް ވުމުގެ އިތުރުން އެންމެ ބޮޑު އެންޓަރޓެއިންމަށްޓް ޞިޔާޢަތް ވެސް އޮތް ޤައުމެވެ. އަދި އެމީހުންނަކީ މުޅި ދުނިޔޭގައި ވެސް ނުފޫޒު ގަދަ ފަންނުވެރި ބަޔެކެވެ. އެހެންކަމުން އެމީހުންގެ ނުރުހުން ލިބެންވެއްޖެ ނަމައީ އޭގެ އަސަރު ހަމަ ޔަޤީނުން ވެސް ނުކޮށް ނުދާނެއެވެ.

ދެން އޮތް އަނެއް ކަމަކީ އިންޑިޔާގެ ތަރިންގެ ހިތުގައި ރާއްޖޭގެ ޤުދުރަތީ ރީތިކަމަށް އޮތް ލޯތްބެވެ. އެމީހުން ދެކޭގޮތުގައި ދިވެހިރާއްޖެ އަކީ އެފަދަ ދެވަނައެއް ނެތް ރީތި މަންޒިލެކެވެ. އަދި އެމީހުން ދެކޭގޮތުގައި ރާއްޖެ އަކީ ވަރަށް ލަގްޒަރީ ބްރޭންޑެކެވެ. އެހެންކަމުން އެމީހުންގެ ޚާއްޞަ ދުވަސްތައް ފާހަގަކޮށްލުމަށް ޒިޔާރަތްކުރާ ތަންތަނުގެ ލިސްޓްގެ އެއްވަނައިގާ އަބަދުވެސް އޮންނަނީ ދިވެހިރާއްޖެއެވެ. އެހެންކަމުން ބައެއް މީހުންނަށް ރާއްޖެ ބޯއީކޮޓް ކުރުން އެއީ އެމީހުންގެ ހިތަށް ކުޅަދާނަވި ކަމަކަށް ނުވިއެވެ.