މިލައުތުރު

ށ. ފީވަކުގައި އުމުރުން ދުވަސްވީ މީހަކު ދިރިއުޅޭތަނުން ކަރަންޓު ކަނޑާލާ އަސާސީ ޚިދުމަތްތަކުން މަޙްރޫމް ކޮށްލައިފި.

ށ. ފީވަކުގައި އުމުރުން 92 އަހަރު ވެފައވާ ދުވަސްވީ މީހަކު ނިދާފައި އޮއްވާ އެމީހާ ދިރިއުޅޭ ތަނުން ކަރަންޓު ކަނޑާލާ އަސާސީ ޚިދުމަތްތަކުން މަޙްރޫމް ކޮށްލައިފި އެވެ. އެއީ އެރަށު ފެނަކައިން ކަރަންޓު ދޭ ގެއެއް ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މިކަން ހިނގާފައިވާ ގޮތް ބެލުމަށްޓަކައި މިލައުތުރުގެ ނޫސްވެރިޔަކު މިހާރު ވަނީ އެރަށަށް ދަތުރުކޮށްފައެވެ. އަދި މިހާތަނަށް ހޯދި ހޯދުންތަކުން އެނގޭގޮތުގައި އެ އުމުރުން ދުވަސްވީ މީހާ ދިރިއުޅެމުން ގެންދާ ކެނެރީގެއިން ކަރަންޓު ކަނޑާލާފައި ވަނީ އެއްވެސް އިންޒާރެއް ދުރާލާ ދިނުމަކާ ނުލައެވެ. މިއީ މިފަދަ ކަންކަމުގައި ދިވެހިރާއްޖޭގައި ޢާންމުކޮށް ޢަމަލުކުރެވެމުންދާ އުޞޫލެއް ނޫނެވެ.

އަދި އުމުުރުން ދުވަސްވީ މީހުންނަކީ ޚިދުމަތްދިނުމުގައި ޚާއްޞަގޮތްތަކެއް އޮންނަން ޖެހޭ ބައެކެވެ. އެމީހުންނަކީ އެއްވެސް ޚިދުމަތެއް ހޯދުމަށް ގޮސް ކިއުގައި ތިބެންޖެހޭ ބައެއް ވެސް ނޫނެވެ. އެހެންކަމުން މިފަދަ އަސާސީ ޚިދުމަތަކުން ކުއްލިގޮތަކަށް މަޙްރޫމް ކޮށްލުމަކީ އިންސާނިއްޔަތާ ޚިލާފު ޢަމަލެއްގެ ގޮތުގައި ސިފަކުރެވިދާނެއެވެ.

އެރަށުން މަޢުލޫމާތުދިން މީހަކު ބުނިގޮތުގައި ޢާންމު މީހުން ދިރިއުޅޭ ގޭގޭގައި ބަހައްޓާފައި ހުންނަ މީޓަރުތައް ބޭނުންކޮށްގެން ވިޔަފާރި ކުންފުންޏަކުން ވިޔަފާރީގެ އުޞޫލުން ވައިފައި ޚިދުމަތްދޭއިރު އެއީ އެއްވެސް މައްސަލައަކަށް ނުވާކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމަކު އެތަން ފެނަކައަށް ނުފެންނަކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ގެއިން ކަރަންޓް ކަނޑާލާފައި ވަނީ އީއެލްސީބީ ހަރުކޮށްފައި ނެތުމުންނެވެ. އެއީ ކުރިން ރައްޔިތުންގެ ނަމުގައި އިންޖީނުގެ ހިންގި ޒަމާނުގައި ކަރަންޓް ލާފައި ހުރި، ވަރަށް ދުވަސްވީ ގެއެކެވެ. އަދި އޭރު ހަރުކޮށްފައި ހުރި ކަރަންޓް މީޓަރަށް ބިލްކުރުމުން ޤަވައިދުން ބިލްތަކަށް ވަނީ އެބޭބެ ފައިސާ ދައްކާފައެވެ.

© 2023 milauthuru. All rights reserved.