މިލައުތުރު

އާންމު ރައްޔިތުންގެ މިހާރުގެ ބޮޑު ސުވާލު: މިސަރުކާރު ހިނގަން ފަށާނީ ކޮންދުވަހަކުންތޯ؟

އަންނަ ނޮވެމްބަރު 17 އަށް އަހަރު ފުރޭ މި ސަރުކާރުގެ ވިންދު އަދިވެސް ނެތްކަމަށާއި، ރަނގަޅަށް ހިނގަން ފަށާނީ ކޮންދުވަހަކުންތޯ މީހުން ސުވާލު އުފައްދަން ފަށައިފިއެވެ.

މި ސަރުކާރުން ވަޢުދުވީ ކަމެއް ވެސް އަދި ކުރީ ސަރުކާރުން ފަށާފައި ހުރިކަމެއް ވެސް ކުރިއަށް ދާނެގޮތެއްގެ އަލިމަގެއް އަދި ސާފުވާގޮތެއް ނުވެއެވެ. އެކި މުއައްސަސާތަކުގެ އިސްވެރިން ވިދާޅުވަނީ ޤައުމުގެ މާލީ އަދި އިޤްދިޞާދީ ޙާލަތު ވަަރަށް ދަށްކަމަށާއި، އަންނަ އަހަރުގެ މެދުތެރޭ ހިސާބުގައި ސަރުކާރުގެ ފުރިހަމަ ދުވެލީގައި ހިނގަން ފަށާނެކަމަށާއި، މިވަގުތަށް ރައްޔިތުން ހިތިބޭސް ބޯންޖެހޭކަމަށެވެ.

ސަރުކާރުން އެވިދާޅުވާ އިޤްތިޞާދީ ޙާލަތަކީ ކޮބައިކަމާއި، ސަރުކާރުން އެޙާލަތު މެނޭޖްކުރުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ ފުރިހަމަ މަޢުލޫމާތެއް އަދި ރައްޔިތުންނަށް ސާފުކޮށް ކިޔައިދެވިފައެއް ނެތެވެ. މިހާތަނަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުން ސާފުވާ ކަމަކީ މާލީގޮތުން ގޮންޖެހުންތަކެއް ކުރިމަތިވެގެން އުޅޭކަމެވެ. އަދި އެކަން ޙައްލުކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމެވެ.

ނުރަސްމީ ބައެއް ފަރާތްތަކުން ބުނާގޮތުގައި އައިއެމްއެފްގެ ޕްރޮގްރާމެއްގައި ރާއްޖެ ބައިވެރިވެއްޖެއެވެ. އަދި އައިއެމްއެފްގެ މާލީ އެހީގެ ޕެކޭޖެއްގައި ބައިވެރިވެފައި ވާކަމަށެވެ. އެފަަދަ ޕެކޭޖެއްގައި ވައިވެރިވެއްޖެ ނަމަ ކުރުން ލާޒިމްވާ ވަރަށް ގިނަ ކަންތައްތަކެއް ހުންނަ އިރު، ރައްޔިތުންނަށް ސާފުކޮށް މަޢުލޫމާތު ނުދޭތީ، މީހުންގެ ކަންބޮޑުވުންތައް އިތުރު ވެއްޖެއެވެ.

އިޤްތިޞާދީ ޙާލަތާ ގުޅިގެން ސަރުކާރުން ފިޔަވަޅުތަކެއް އަޅުއްވަން ޖެހުމަކީ މައްސަލައެއް ނޫނެވެ. މީހުންގެ ކަންބޮޑުވުން އޮތީ ވެގެން މިއުޅޭ ގޮތަކާއި، ކުރާން މިއުޅޭ ކަމަކީ ކޮބައިކަން ސާފުކޮށްދެވިފައި ނެތުމެވެ. ސަރުކާރަށް ހިނގައިނުގަނެވިގެން މިއުޅެނީ ކީއްވެގެންތޯ ސާފުކޮށްދެވިފައި ނެތުމެވެ.