އެއްވެސް ދިރާސާއެއް ކުރުމެއް ނެތި، ހަމަ އެކަނި ޞިއްޙީ މާހިރުންގެ ކަންބޮޑުވުމަކަށް ރިޢާޔަތްކޮށް ވޭޕް އެތެރެކުރުން މަނާކުރުމަކީ ވަކި ބަޔަކަށް ބޮޑު މަންފާއެއް ލިބި، އަނެއް ބަޔަކަށް ގެއްލުން ލިބޭނެ ކަމެކެވެ.
ދައުލަތުގެ ފަރާތުން ތަންފީޒުކުރާ އެއްވެސް ޤަވައިދެއް ނުވަތަ ސިޔާސަތެއްގެ ސަބަބުން ވަކި ބަޔަކަށް ބޮޑު މާލީ މަންފާއެއް ލިބޭގޮތަށް އޮތުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެކެވެ. އަދި ވަކި ބަޔަކަށް ބޮޑު ގެއްލުމެއް ލިބިގެން ދިއުމަކީ އެއަށް ވުރެ ބޮޑު ބޯހެކެވެ.
ޞިއްޙީ ގޮތުން މާ ބޮޑު ގެއްލުން ލިބޭ ދުންފަތުގެ ބާވަތްތައް އެތެރެ ކުރުމަށް ހުއްދަ ދެވިފައި، އެހެން ބާވަތްތައް އެތެރެކުރުން މުޅިން މަނާކުރުމަކީ ދެކޮޅުޖެހޭ ކަމެއް ނޫނެވެ. ވޭޕް ކުރަން ފެށުމުގެ އަސަލަކީ ސިނގިރޭޓްކަން އެއީ އެންމެން ޤަބޫލުކުރާ ޙަޤީޤަތެކެވެ. ވީމާ ސިނގިރޭޓް ހުއްދަވެފައި، ގަނޭސް ހުއްދަވެފައި، ވޭޕް މަނާވެގެންދާކަމީ ހަމަހަމަ ނޫން އުޞޫލަކުން ޤަވައިދެއް ތަންފީޒުކުރުމެވެ.
ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންނަކީ ވަރަށް މިނިވަންކަމާއެކު އެމީހުން ބޭނުންވާ ކަންކަން ކޮށް މަޖާކޮށްލަން އަންނަ ބައެކެވެ. އެމީހުންގެ ޤައުމުގައި ވޭޕްކޮށްފައި، ހިތްހަމަޖައްސާލަން ޗުއްޓީއަށް ރާއްޖެ އައިސްފައި، އެފަދަ ޢާމަލެއް ވެސް ހިންގުން މަނާވެއްޖެ ނަމައީ، އެކަމުގެ އަސަރު ފަތުރުވެރިކަމަށް ވެސް ނުކޮށެއް ނުދާނެތެވެ.
މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް އެންމެ އުނދަގޫ ވާ އެއްޗަކީ ވެސް ސިނގިރޭޓެވެ. އެއީ ވަރަށް ވަސްގަދަ އެއްޗެކެވެ. އެހެން ނަމަވެސް ވޭޕަކީ އެފަދަ ނުބައި ވަހެއް ހުންނަ އެއްޗަަކަށް ނުވާތީ ބައެއް ހޮޓާ ރެސްޓޯރަންޓްތަކުގައި ވެސް ވޭޕް ކުރުން ހުއްދަ ކުރެއެވެ.
އަދި ޞިއްޙީ ގޮތުން ލިބޭ ގެއްލުންތައް ދެނެގަތުމަށް ޑަކްޓަރުން ކުރި އެއްވެސް ސައިންޓިފިކް ދިރާސާއެއް ނެތެވެ. ރާއްޖޭގައި ފަތުވާދޭ ބައެއް ޝައިޚުން ފަދައިން އެކަކަށް ވުރެ، އަނެކެއްގެ މޮޅުކަން ދައްކާ މަޝްހޫރުވުމަށް ކުރެވޭ ކަމެއްގެ ގޮތުގައި ސިފަކުރެވޭނެ ފުރުޞަތު އެބަ އޮތް ނޫންތޯއެވެ.