ކީރިތި ޤުރުއާނުގައި ބަޔާންކޮށްފައިވާ ޝަރުޢީ ޙުކުމްތަކުގެ ތެރެއިން އެންމެ ތަފްޞީލު ގޮތެއްގައި، ތަފާތު އެކި ފަހަރުމަތިން، އެންމެ ގިނައިން އެ ޙުކުމެއްގެ ވާހަކަ ވާރިދުވެފައިވަނީ، ވަރި އާ ބެހޭގޮތުންނެވެ. އެހެނިހެން ޙުކުމްތަކާ އަޅާބަލާއިރު ހައިރާންވާހާ މިންވަރަށް ކީރިތި ޤުރުއާނުގައި ވަރީގެ ޙުކުމްތައް ވަނީ ތަފްޞީލުވެފައެވެ. ބަޤަރާ ސޫރަތުގައި އެތަށް އާޔަތެއްގައެވެ. ދެން، ނިސާ ސޫރަތުގައެވެ. އެއަށްފަހު، ނޫރު ސޫރަތުގައެވެ. އަދި އަޙްޒާބު ސޫރަތުގައި ވެސް ވަނީ ވަރީގެ ޙުކުމްތައް ބަޔާންވެފައެވެ. އަދި، އައްޠަލާޤު (ވަރި) ސޫރަތުގައި ތަފްޞީލުކުރެވިފައިވެއެވެ. ދެން ތަޙްރީމު ސޫރަތުގައި ވެސް ހަމަ އެފަދައިންނެވެ.
ފާހަގަކޮށްލަން ބޭނުންވާ ނުކުތާ ހާމަކޮށްލާނަމެވެ. ފުރަތަމަ، އައްޠަލާޤު ސޫރަތުގެ 1 ވަނަ އާޔަތް ބައްލަވާށެވެ. އެއާޔަތުގެ މާނާގައި ވަނީ “ އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، ފަހެ، އެކަނބަލުންގެ ޢިއްދައަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ! އަދި ތިޔަބައިމީހުން ޢިއްދަ ގުނާހަމަކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރި ﷲއަށް، ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! ތިޔަބައިމީހުން އެކަނބަލުންގެ ގެތަކުން އެކަނބަލުން ނުނެރޭށެވެ! އަދި އެކަނބަލުންވެސް ނުނިކުންނަ ހުށިކަމެވެ! ފާޅުވެ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް އެކަނބަލުން ގެނެސްފިއްޔާ މެނުވީއެވެ. އަދި އެއީ، ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި ﷲ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ ނަފްސަށް އެމީހާ އަނިޔާވެރި ވެއްޖެކަން ކަށަވަރެވެ. އެއަށްފަހު (އެބަހީ: ވަރިކުރުމަށްފަހު) ﷲ އެހެންގޮތެއް މެދުވެރި ކުރައްވައިފާނެކަން ވެސް ތިބާޔަކަށް ނޭނގެތެވެ.“ އައްޠަލާޤު ސޫރަތުގެ މިއާޔަތުން ފެށިގެން 7 ވަނަ އާޔަތާ ހަމައަށް ކިޔުއްވާއިފި ނަމަ، ވަރީގެ ޙުކުމްތައް ﷲ ސުބުޙާނަޙޫ ވަތަޢާލާ ބަޔާންކޮށްދެއްވާފައިވާ ކަން ފެނިވަޑައިގަންނަވާނެއެވެ. ދެން އޭގެ ފަހަތަށްހުރި އާޔަތްތައް އަޅުގަނޑާއެކީ ކިޔުއްވާށެވެ.
”وَكَأَيِّن مِّن قَرْيَةٍ عَتَتْ عَنْ أَمْرِ رَبِّهَا وَرُسُلِهِ فَحَاسَبْنَاهَا حِسَابًا شَدِيدًا وَعَذَّبْنَاهَا عَذَابًا نُّكْرًا“ (އައްޠަލާޤު ސޫރަތުގެ 8 ވަނަ އާޔަތް)
މާނައީ ”އެ ރަށްރަށުގެ އަހުލުވެރިން އެއުރެންގެ ވެރިރަސްކަލާނގެ އަމުރުފުޅަށާއި، އެކަލާނގެ ރަސޫލުންނަށް ނުކިޔަމަންތެރިވީ ކިތައްކިތައް ރަށްހެއްޔެވެ؟ ފަހެ، ތިމަންރަސްކަލާނގެ އެއުރެންނާ މެދުގައި ގަދަވެގެންވާ ޙިސާބަކުން ޙިސާބު ބައްލަވައި، ބިރުވެރި ޢަޛާބަކުން، އެއުރެންނަށް ޢަޛާބު ދެއްވީމެވެ.“
فَذَاقَتْ وَبَالَ أَمْرِهَا وَكَانَ عَاقِبَةُ أَمْرِهَا خُسْرًا (އައްޠަލާޤު ސޫރަތުގެ 9 ވަނަ އާޔަތް)
މާނައީ“ ފަހެ، އެއުރެންކުޅަ ކަންތަކުގެ ނަތީޖާގެ ރަހަ އެއުރެންނަށް ލިބުނެވެ. އަދި އެއުރެންގެ އެކަންތަކުގެ ނިމުންވީ ގެއްލުމެއް ކަމުގައެވެ.“
أَعَدَّ اللَّهُ لَهُمْ عَذَابًا شَدِيدًا ۖ فَاتَّقُوا اللَّهَ يَا أُولِي الْأَلْبَابِ الَّذِينَ آمَنُوا ۚ قَدْ أَنزَلَ اللَّهُ إِلَيْكُمْ ذِكْرًا (އައްޠަލާޤު ސޫރަތުގެ 9 ވަނަ އާޔަތް)
މާނައީ“ ﷲ، އެއުރެންނަށްޓަކައި ގަދަވެގެންވާ ޢަޛާބެއް ތައްޔާރުކުރެއްވިއެވެ. ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އޭ އީމާން ވެގެންތިބި ބުއްދީގެ އަހުލުވެރިންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ހަނދާންކޮށްދެއްވުމެއް ﷲ ބާވައިލެއްވިއެވެ.“
ކީރިތި ޤުރުއާނުގައި، މާތް ﷲ މީސްތަކުގެންގެ ގާތަށް ފޮނުއްވި ރަސޫލުން ދޮގުކޮށް، އެބޭކަލުންނަށް އިހާނާތްތެރިކޮށް ޢަމަލުތައްކުރާ މީހުންނަށް ލިބެނިވި ޢަޛާބު ބަޔާންކުރައްވައި ވަޢީދުގެ އާޔަތްތައް ބާވައިލައްވަވާފައި ވަނީ މައްކީ ސޫރަތްތަކުގައެވެ. އައްޠަލާޤު ސޫރަތަކީ، މަދަނީ ސޫރަތެކެވެ. އެހެންނަމަވެސް، މި ސޫރަތުގައި ފަހުން ބަޔާންކުރެވިދިޔަ، 3 އާޔަތުގައި ﷲ ސުބުޙާނަހު ވަތަޢާލާގެ އަމުރުފުޅުތަކަށް (އިންސްޓްރަކްޝަންސްތަކަށް) ބޯނުލަނބާ މީހުންނަށް އޮތް ވަޢީދުގެ ގެބަސްފުޅު އެވަނީ ބަޔާންކުރައްވާފައެވެ. ވަރީގެ ޙުކުމްތައް ބަޔާންކުރެއްވުމަށް ފަހުއެވެ.
އައްޠަލާޤު ސޫރަތުގެ ފުރަތަމަ އާޔަތުގައި، ވަރިކުރެވޭ އަންހެނުން ޢިއްދައިގެ މުއްދަތުގައި ތިޔަބައިމީހުން އެކަނބަލުންގެ ގެތަކުން އެކަނބަލުން ނުނެރޭށޭ އަންގަވާފައި އޮތްއިރު، ވަރިކުރެވޭ އަންހެނުން، އެންމެ ފުރަތަމަވެސް މި ޒަމާނުގައި، މިޖެހެނީ (ގިނައިން) ކައިވެނީގައި ދިރިއުޅުނު ގެއިން ނިކުމެގެން ދާށެވެ. މިއީ، ވަރިއާ ބެހޭގޮތުން އަންގަވާފައިވާ އެންގުންތަކާ މިއަދު އަޅުގަނޑުމެން ޚިލާފުވާ ކަންކަމުގެ ތެރެއިން، ހަމަ ކުޑަ ކުޑަ މިސާލެކެވެ. މިއީ، ސަމާސާ ވާހަކައެއް ނޫނެވެ. އެ އާޔަތްތަކުގައި ބަޔާންކުރައްވައި އަންގަވާފައިވާ ފަދައިން، އީމާންވެގެން ތިބި ބުއްދީގެ އަހުލުވެރިން ވިސްނާލަންޖެހޭ ކަމަކެވެ.
ހަގީގަތް ޤަބޫލުނުރަނީއެއް ނޫނެވެ. ވަރިކުރަން ޖެހިދާނެއެވެ. އެހެން ނަމަވެސް، ތިމާއާއެކު އުމުރުގެ އެތަށް ދުވަސްތަކެއް ހޭދަކުރި އަނބިމީހާއަށް ބަދުބަސް ބުނެ، ދެމީހުންނަށް ލިބިފައި ތިބި ދަރިން ނިކަމެތިކޮށް، އަޅާނުލައި، އިހާނެތިކޮށް ހިތައި، ދަރިންނަން ކުރަންޖެހޭ ޚަރަދުނުކޮށް، ބަފާވަންތަކަމުގެ ލޯބިން ދަރިން މަހުރޫމުކޮށް ހަދާނަމަ، ދެން ފެންނާނީ، ކޮން ބާވަތެއްގެ މުޖުތަމެއްކަން ތަޞައްވަރު ކޮށްލައްވާށެވެ. މިކަމުގައި ދެކޮޅުވެސް އެބައޮތެވެ. ވަރިވުމަށް ފަހު، ޢާއިލީ ގުޅުންތަކަށާއި ކައިވެނި ރޫޅުނު ކަމުގައި ވިޔަސް، ކުރުން އޮތް ގުޅުންތަކަށް އިޙްތިރާމް ނުކުރާ އަންހެނުން ވެސް ދިވެހި މުޖުތަމައުން ފެނެއެވެ. ނަމަވެސް ފިރިހެނުންގެ ފަރާތުން ޢާއިލާއާ ބެހޭ ޝަރުޢީ ޙުކުމްތަކަށާއި އިރުޝާދުތައް ބޮލާލާޖެހުން މި ދިވެހި މުޖުތަމަޢުގައި ވަނީ ގިނަވެފައެވެ.
މި ލިޔުމުގައި އަޅުގަނޑު ބޭނުންވީ ވަރިއާ ބެހޭގޮތުން ކީރިތި ޤުރުއާނުގެ އަލީގައި އަޅުގަނޑަށް ލިބިފައިވާ ޢިލްމުގެ ކުޑަކުޑަ މިންވަރުން ދެތިން އެއްޗެއް ބުނެލާށެވެ. ޚުލާޞާކޮށް އަދި އިތުރަށް ދަންނަވާމަލާނަމެވެ. ކައިވެންޏަކީ، މުޖްތަމައު އޭގެ މައްޗަށް ބިނާވެފައިވާ އާއިލާތައް އުފެދުމުގެ އަސްލެވެ. ވަރި އަކީ ކައިވެނީގެ ނިމުން ކަމުގައި ވަނީނަމަ، އެއްވެސް ހަމައެއް ލަމައެއް، އުޞޫލެއް ނެތި ވަރި ކުރާނަމައީ އާއިލާތައް ރޫޅި، ތަރުބިއްޔަތެއް ނެތް، އަޅާލާނެ ބައެއް ނެތް ނިކަމެތި، އެކަހެރިވެފައިވާ އެކަނިވެރި އަންހެނުންނާއި ޅަދަރިން މުޖުތަމައުން ފެންނާނެއެވެ. އަދި އެކަމުގެ ސަބަބުން ބަޔާންކޮށްދެވުނު އާޔަތްތަކުގައި މާތް ﷲ ސުބުޙާނަހު ވަތަޢާލާ އަންގަވާފައިވާ ފަދައިން، އެކަލާނގެ އެންގެވި މަގުން ބޭރުން ކޮށްފައިވާ ކަންތައްތަކުގެ ހިތިރަހަ އެބަޔަކަށް ލިބޭނެކަން ޔަޤީނެވެ.