މިލައުތުރު

އެންމެ ދެ އަހަރުވީ ކުރު ދަތުރުގައި ބޮޑެތި ކާމިޔާބީތަކެއް ޙާސިލުވެއްޖެ – ޕްލާންޓް-އަ-ޓްރީ ޖަމިއްޔާ

ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ޖަމިއްޔާގެ ފައުންޑަރ ޒުލްފާ ނަސީރު މަސައްކަތް ފައްޓަވާފައި ވަނީ އެކަމަނާގެ އުމުރުން ފަންސާސް އަހަރާ ގާތްވެފައި ވަނިކޮށެވެ. އަމިއްލަ ހަށިގަނޑަށް ބަދަލު ގެންނެވުމަށް ކުރެއްވި މަސައްކަތުގެ ތެރެއިން، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ފައިދާ ހުރި ރަނގަޅު ކާނާ ކެއުމާއި، އާންމު ދިރިއުޅުމުގައި ބެލެންސް ކެއުމެއް ބޭނުންކުރުމަކީ ކިހާ މުހިންމު ކަމެއްކަން ތަސައްވަރު ކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ޕްލާންޓް އަ ޓްރީ ވުޖޫދުވެފައި ވަނީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމުގެ ވައްޓަފާޅި އާލާކުރުމުގެ މަޤްޞަދުގައެވެ.

 2022ވަނަ އަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސްކަމުގައިވާ އޮކްޓޯބަރ 16 ވީ އާދީއްތަ ދުވަހު ކުލަގަދަ ރަސްމިއްޔާތަކާއެކު ޕްލާންޓްއަޓްރީގެ ދަށުން ބިމުގައި ގަސްެއިންދަން ފެށުމައްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ އެބޭފުޅުންނަށް އެއްބާރުލުން ދެއްވާފައެވެ. އަދި މީގެ އިތުރުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން ވަނީ އެބޭފުޅުންގެ ދަނޑުވެރިންނަށް ގަސްތަކަށް ޖެހޭ ބަލިތަކާއި އެ ބަލިތަކުން ރައްކާތެރިވާނެ ގޮތް އަންގައިދިނުމަށް އެ މިނިސްޓްރީގެ  އެގްރިކަލްޗަރ އޮފިސަރ ޝަރީފާ ޢަލީ މެދުވެރިކޮށް ސިލްސިލާ ކްލާސްތަކެއް ނަންގަވައިދެއްވުމަށް އެއްބަސް ވެފައެވެ. ޕްލާންޓް އަ ޓްރީގެ މަސައްކަތް ފެށުމުގައި އަޅުގަނޑުމެންނާއެކު 14 އަތޮޅަކުން 17 ރަށެއް ބައިވެރިވެފައި ވާއިރު މީގެ ތެރޭގައި ހިމެނެނީ 33 އަމިއްލަ ފަރާތަކާއި، 18 ސްކޫލްގެ އިތުރުން 9 މުއައްސަސާއެކެވެ.

މި ކާމިޔާބީއާއެކު ވެލްނެސް މެޓަރސްގެ ދަށުން ކުރިއަށް ގެންދިޔަ ޕްލާންޓް އަ ޓްރީ، އެން.ޖީ.އޯ އަކަށް ބަދަލުކުރެވި ޤާނޫނު ނަންބަރު 2023/3 ޖަމިއްޔާތަކާއި ބެހޭ ޤާނޫނު ގެ ދަށުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގައި 22 ސެޕްޓެމްބަރ 2023 ގައި ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

ޕްލާންޓް އަ ޓްރީގެ މަސައްކަތް ފެށިގެން ބިމުގައި ގަސްއިންދަން ފެށިތާ އެއް އަހަރު ވެފައިވާއިރު އެ ޖަމިއްޔާއިން މިވަނީ 2023 ވަނަ އަހަރު ހައިޑްރޯ ޕޯނިކްސް ސިސްޓަމްތައް ގާއިމް ކުރަން ފަށާފައެވެ. ހައިޑްރޯ ޕޯނިކްސް މަސައްކަތައް ބަދަލުކުރެވުނީ ދަނޑުވެރިކަން ކުރަން ބޭނުންވިކަމުގައި ވިޔަސް އެކަންކުރުމަށް ގޮންޖެހުންތަކެއް ހުރީތީއެވެ. އެގޮތުން ބިމުގެ ޖާގައިގެ ދަތިކަމާއި އަދި ގިނަ ސްކޫލް ތަކަކީ 2 ދަންފަޅިއަށް ކިޔަވަދޭ ސްކޫލްތަކަށް ވުމުން ވެސް މެއެވެ. ޕްލާންޓް އަ ޓްރީއަށް 2 އަހަރުވެފައި ވީ ނަމަވެސް ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް މަސައްކަތްތައް ކުރިއަށް ގެންދާތާ ވެފައި ވަނީ އެއް އަހަރެވެ.  މިއަދާ ހަމައަށް އައިއިރު އެ ޖަމިއްޔާއިން ވަނީ ރާއްޖޭގެ 27 ސަރަޙައްދެއްގައި ޖުމްލަ 36 ހައިޑްރޯ ޕޯނިކްސް ސިސްޓަމް ގާއިމް ކޮށްފައެވެ. އެއީ 11 އަތޮޅެއްގެ 21 ރަށެއްގެ 19 ސްކޫލާއި 8 އަމިއްލަ ފަރާތުގެ އިތުރުން 1 އަމިއްލަ ޖަމިއްޔާއެވެ. މީގެ ތެރެއިން 22 ސިސްޓަމް ގާއިމް ކުރެވިފައި ވަނީ ސްކޫލްތަކުގައި ކަމަށް ވެފައި، އެ ސިސްޓަމްތަކުން 88 ހާވެސް ކުރެވިފައި ވާކަމީ ވަރަށް ބޮޑު އުފަލެއްކަމުގައި އެ ޖަމިއްޔާއިން ފާހަގަކުރެއެެވެ.

ހައިޑްރޯ ޕޯނިކްސް ސިސްޓަމްތައް ގައިމުކުރަމުން ގެންދާތާ އެއް އަހަރު ވެފައިވާއިރު މި މަސައްކަތް އިތުރަށް ފުޅާކޮށް ޖާގައިގެ ދަތިކަން ދިމާވެފައިވާ ސްކޫލްތަކާއި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެރޯ ޕޯނިކްސް ސިސްޓަމްތައް ތަޢާރަފް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޖަމިއްޔާއިން އޯޑަރ ކޮށްފައިވާ 10 ސިސްޓަމް މިހާރުވަނީ މާލެގެމެވިފައި ކަމަށާއި، 10 އެރޯ ޕޯނިކްސް ސްިސްޓަމް މި އަހަރު ނިމުމުގެ ކުރިން ގާއިމްކުރެވި އެ ސިސްޓަމްތަކުން ވެސް ހާވެސްޓް ކުރެވޭވަރު ވާނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

1443 ވަނަ އަހަރުގެ ރަމްޟާންމަހުގައި ވަނީ މިންހެޔޮ ތަށިބަރި ކެމްޕެއިންގެ ނަމުގައި ޕްރޮޖެކްޓެއް ފަށާފައެވެ. މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްޞަދަކީ މިންހެޔޮކޮށް ކާނާ ކެއުމުގެ މުހިންމުކަން އަންގައިދީ މުޖުތަމަޢުން ނެތެމުންދާ އާދައެއް ކަމުގައިވާ ތަށިބަރި ބަދަލުކުރުމުގެ އާދަ އިޔާދަކުރުން ކަމުގައި ޖަމިއްޔާއިން ބުނެއެވެ. އަދި މީގެ އިތުރުން އެ ޖަމިއްޔާގައި ބައިވެރިވެފައިވާ ދަނޑުވެރިންގެ ދަނޑުތަކުން ގޮވާންކުރާ ތަރުކާރީ އާއި މޭވާ ބޭނުންކޮށްގެން ކާނާ ތައްޔާރުކޮށް އެކަކު އަނެކަކަށް ބަދަލުކުރުން ކަމަށެވެ. އަދި ދަނޑުވެރިން ކުރާ މަސައްކަތަށް މާކެޓު ހޯދައި ދިނުމަކީ ވެސް މިކަމުގެ މަޤުޞަދެއް ކަމަށެވެ. އެ ޖަމިއްޔާއިން ފާހަގަކުރާ ގޮތުގައި މިހާތަނަށް ރާއްޖޭގެ 24 ރަށަކުން 1849 ތަށިބަރި ބަދަލުކުރެވިފައި ވާކަމަށެވެ. މީގެ އިތުރުން މިންހެޔޮ ތަށިބަރީގެ ޕައިލެޓް ޕްރޮޖެކްޓެއް ފަށައިގަތުމަށް ތައްޔާރުވަމުން ދާކަމަށެވެ. މި ޕްރޮޖެކްޓްގެ މަޤްޞަދަކީ ރާއްޖޭގެ އެކިއެކި ރަށްރަށުގެ އާންމު ސިއްޙީ ޙާލަތު ހުރިނެތްގޮތް ދެނެގަތުން ކަމަށެވެ.

މީގެ އިތުރުން މިދިޔަ ރަމްޟާން މަހުން ފެށިގެން ލައިވް ކުކިން ކްލާސްތަކެއް ފޭސްބުކް އަދި ޒޫމް މެދުވެރިކޮށް ގެނެސްދެމުން ގެންދާ ކަމަށާއި، ތަރުކާރީއާއި މޭވައިން ހަށިގަޑަށް ލިބޭފައިދާތަކާއި އޭގެ ނިއުޓްރިޝަން ވެލިޔޫ އަންގައިދިނުމުގެ ގޮތުން ލީފްލެޓް ތައްޔާރުކުރެވި ބައިވެރިންނާ ހިއްސާކުރެވެމުން ދާކަމަށެވެ. މީގެ އިތުރުން އެ ދުވަހެއްގައި ހިއްސާ ކުރާ ތަރުކާރީ ނުވަތަ މޭވާ ބޭނުންކޮށްގެން ވަރަށް ފަސޭޙަކަމާއެކު ތައްޔާރުކުރެވިދާނެ ކާއެއްޗެއްގެ ރެސިޕީވެސް ގުރޫޕްތަކުގައި ހިއްސާކުރެވެމުން ދާކަމަށެވެ.

ފައިދާ ހުރި ރަނގަޅުކާނާއާއި ހަރަކާތްތެރި ދިރި އުޅުމުގެ ވައްޓަފާޅިއާއި ގޫޅޭގޮތުން އިތުރަށް މުޖްތަމަޢު ހޭލުންތެރި ކުރުމުގެ މަޤްޞަދުގައި މިހާރު ނިއުޓްރިޝަން އެވެއަނަސް ކްލާސްތަކެއް ފަށައިގަތުމަށް ތައްޔާރުވަމުން ދާކަމަށެވެ.

މި ޕްރޮޖެކްޓް މިހާ ކާމިޔާބުކަމާއެކީގައި ކުރިޔަށް ގެންދެވިފައި ވަނީ  ވަރަށް ގިނަ ފަރާތްތަކެއްގެ ބުރަ މަސައްކަތުންކަން ފާހަގަކުރާ ކަމަށާއި، އެކަމަށްޓަކައި ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދުކުރާ ކަމަށެވެ. ޕްލާންޓް އަ ޓްރީ ޕްރޮޖެޓްގެ ހުވަފެން ދޫކޮށްލުމެއް ނެތި 6 އަހަރު ވަންދެން މި ހުވަފެނުގައި ކުލަޖެއްސުމަށް މަސައްކަތްކޮށްދެއްވާ  ޕްރޮޖެކްޓް ވުޖޫދަށް ގެންނެވުމަށް ޖަމިއްޔާގެ ފައުންޑާރ ޒުލްފާ ނަސީރު ވެދެއްވި މިންނެތް އެހީތަކަށް ޝުކުރު އަދާކުރާކަމަށެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އެންމެރިން ރިސޯސަސް، އަދި މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވަމުން ގެންދާ ހުރިހާ ސްކޫލުތަކާއި، އާއްމު ފަރާތްތަކުން ދެއްވާ އެހީތެރިކަމަށް އެ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށެވެ. އެ ޖަމިއްޔާގެ ދަނޑުވެރިންގެ ގަސްތަކަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދެއްވުމަށް ޝަރީފާ ޢަލީ ނަންގަވައި ދެއްވާ ކްލާސްތަކަކީ އެފަރާތްތަކަށް ލިބިގެންދާވަރަށް ބޮޑު އެހީތެރިކަމެއް ކަމަށާއި، އެބޭފުޅާގެ މިންނެތް އެހީތަކަށް ޝުކުރުދަންނަވާ ކަމަށެވެ. އަދި މީގެ އިތުރުން ހައިޑްރޯޕޯނިކް ސިސްޓަމްތަކަކީ އެ ގާއިމްކުރުމަށް ބޮޑެތި ޚަރަދުތަކެއް ހިގާ ކަމަކަށްވެފައި، ސްޕޮންސަރގެ ގޮތުގައި އެލައިޑް އިންޝުއަރެންސްގެ ފަރާތުން ދެ ފަހަރެއްގެ މަތިން ވެދެއްވި ދީލަތި އެހީތެރިކަމާއެކު ދެ ސްކޫލެއްގައި ސިސްޓަމްތައް ޤާއިމް ކުރެވިފައިވާކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ.

ވަރަށް ގިނަ ސްކޫލްތަކަކާއި އެކި ފަރާތްތަކުން ސިސްޓަމްގާއިމް ކުރުމަށް ރިކުއެސްޓް ކުރަމުން ދިޔަ ކަމުގައި ވިޔަސް އެންޖީއޯގެ މާލީ ހާލަތު ތަން ނުދިނުމުގެ ސަބަބުން އެކިކަހަ ގޮންޖެހުމާ ކުރިމަތިލާން ޖެހޭ ކަމަށާއި، އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާ ވާކަމަށެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ޖަމިއްޔާގެ އިންތިޒާމް ސެކްރެޓަރީ އާމިނަތު ނިޢުމާ 7784291 އަށް ނުވަތަ ޖަމިއްޔާގެ ރައިސާ ޒުލްފާ ނަސީރު 60162122720+ ވައިބާ އިން ގުޅުއްވުން އެދޭކަމަށެވެ.

© 2023 milauthuru. All rights reserved.