އައިޝަތު ވަޙީދާ

ވަޒީފާގެ މާޙައުލުގައި ހިނގާ އެންމެ އަނިޔާވެރި ޢަމަލަކީ ދިރިހުއްޓާ މަރާލާ މަރާލުމެވެ.

ވަޒީފާގެ މާޙައުލުގައި ހިނގާ އެންމެ އަނިޔާވެރި އަދި ނުރައްކާތެރި ކަމަކީ ދިރިހުއްޓާ މަރާލާ މަރާލުން ކަމުގައި އުސްތާޛް ޒަކީގެ  އަމިއްލަ ފޭސްބުކް އެކައުންޓުގައި ލިޔެފައި އެވަނީ އެއްވެސް ސަބަބެއް ނެތިއެއް ނޫނެވެ. އެކަމަކީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ތަންތަނުގައި މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަމުންދާ ކަމެކެވެ.

ޒަކީގެ އަމިއްލަ ތަޖުރިބާތަކާއެކު ތަފުޞީލީ ގޮތެއްގައި ޙިއްސާކުރައްވާފައިވާ ޝުޢޫރުތަކުގައި ބުނެފައިވާ ގޮތުން ވަޒީފާގެ މާޙައުލުގައި މުވައްޖަފަކާ މެދު ޢަމަލުކުރެވޭ ގޮތެއްގެ ސަބަބުން އެ މުވައްޒަފެއްގެ އުންމީދުތަކާއި، ކުރިމަގާއި، ޙަޔާތުގެ އެންމެހާ އުފާތައް ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އަދި ބައެއް މީހުންނަށް އެކަމުގެ މާޔޫސްކަން ބަރުދާސްތު ނުކުރެވި ނަފުސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ޣަރަޤުވެގެން ދާކަމަށެވެ.

އަދި ވަޒީފާގެ މާޙައުލުގައި މުއައްސަސާތަކުގެ އިސްވެރިންގެ ފަރާތުން ކުރިމަތިވާ ފުރައްސާރަތަކާއި، ތަފާތުކުރުންތަކާއި، ޖެއްސުންކުރުންތަކާއި، އެކަހެރިކުރުންތައް ވަނީ ރާއްޖޭގައި މިހާރު އިންތިހާއަށް އިތުރުވެފައި ކަމަށާއި، އެއީ މިހާރުން މިހާރަށް ވެސް ޤާނޫނީ ހިޔާވަހިކަމެއް ބޭނުންވާ މުހިންމު އަދި ޤައުމީ މައްސަލައެއް ކަމަށެވެ.

އުސްތާޛް ޒަކީ އަކީ މިފަދަ މައްސަލަތަކާ ގުޅޭގޮތުން ތަފާތު ފޯރަމްތަކުގައި ވާހަކަދައްކާ ޚިޔާލު ފާޅުކުރާ މީހެކެވެ. އަދި ވަކިން ޚާއްސަކޮށް ވަޒީފާތަކަށް މީހުން ހޮވުމުގައި އިންސާފު ގެއްލޭ މައްސަލަތަކަށް ފަންނީ އަދި ޢިލްމީ ގޮތުން ބަހުސްކުރާ މީހެކެވެ.

One Reply to “ވަޒީފާގެ މާޙައުލުގައި ހިނގާ އެންމެ އަނިޔާވެރި ޢަމަލަކީ ދިރިހުއްޓާ މަރާލާ މަރާލުމެވެ.”

  1. ކަތްދަ

    ވަރަށް ބޮޑު ތެދެއް

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.