މިލައުތުރު

ޔަޙުޔާ އަލް-ސިންވާރަކީ މަދުން ނޫނީ ދުނިޔެ ދެކެފައި ނުވާ ފަދަ އަޒުމް ވަރުގަދަ މުޖާހިދެއް!

މިފާއިތުވެދިޔަ، ހަތަރުފަސް ދުވަހު ޚަބަރު ފަތުރާ ވަޞީލަތްތަކުގެ ބޮޑު ސުރުޚީއަކަށްވެފައި އޮތީ،  ޙަމާސް ޖަމާޢަތުގެ އައު ލީޑަރު ޔަޙްޔާ އަލް-ސިންވާރު ޝަހީދުވެޑައިގެންނެވި ޚަބަރެވެ. ބިންފޭރޭ ޒަޔަނިސްޓު ދައުލަތުން މަރަން ބޭނުންވާ ލިސްޓުގެ އެންމެ ކުރީގައި އޮތް ސިންވާރު ޝަހީދުވެޑައިގެންނެވި ވާހަކައެވެ. ބައެއް މީހުންނަށް އެކަން ޢަޖައިބަކަށްވިޔަސް، ނުވަތަ ހައިރާން ކުރަނިވި ޚަބަރަކަށްވިޔަސް، ހަގީގަތުގައި އެއީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.

ބިންފޭރޭ ޒަޔަނިސްޓު ދައުލަތާ ހަނގުރާމަކުރަން ނިކުންނަ މުޖާހިދެއްގެ ހިތުގައި އޮންނަނީ، ޖިހާދުގެ އިނާމެއްގެ ގޮތުން ނޯބެލް ޕްރައިޒު ޙާޞިލުކުރުންކަމަށް ނުވަތަ ހާރވާޑް އިން ޝަރަފުވެރި ޕީއެޗްޑީއެއް ހޯދުން ކަމަށް ދެކެނީ ތޯއެވެ؟ ނުވަތަ ހީކުރާ ބަޔަކު ހީކުރަނީ ސިންވާރު މަސައްކަތްކުރެއްވީ މައިކްރޯސޮފްޓުގެ ސީއީއޯއަށް ވެވަޑައިގަންނަވަން ކަމަށް ތޯއެވެ؟ ޔަޙްޔާ އައްސިންވާރަކީ، ޒަޔަނިސްޓު ބައިގަނޑުގެ ކިބައިން ފަލަޞްތީނުގެ ބިންތައް މިނިވަންކުރުމަށް މަސައްކަތްކުރާ ޖަމާޢަތުގެ އިސްވެރިޔާއެވެ. ޝައިޚް އަޙްމަދު ޔާސީން އާއި ޢަބްދުލް ޢަޒީޒު ރަންތީސީއާއި އިސްމާޢީލް ހަނިއްޔާ ފަދަ އެޖަމާޢަތުގެ އިސްވެރިން ޝަހީދުކޮށްލި ފަދައިން އިސްރާއީލުން ޔަޙްޔާ ސިންވާރުވެސް ޝަހީދުކޮށްލުމުން، އެކަމާ ބުއްދީގެ އަހުލުން ހައިރާނެއް ނުވާނެއެވެ.

ނަމަވެސް، މިފަހަރު މަންޒަރު ތަފާތެވެ. ޒަޔަނިސްޓުންނާއި ޒަޔަނިސްޓުން ހިމާޔަތްކުރާ ހުޅަނގުގެ ޚަބަރުފަތުރާ ވަޞީލަތްތަކުން ބުނަމުންދިޔަ ގޮތާ ޚިލާފަށް، ޔަޙްޔާ އައްސިންވާރު ޝަހީދުވެޑައިގަތީ، ޢައްޒާގައި ޤަތުލުޢާންމު ހިންގާ ނެޕީޖެހި ޒަޔަނިސްޓުންގެ އަސްކަރީންނާއި ޓޭންކަރުތަކާއި ޑްރޯންތަކާ ކުރިމަތިލައްވައި އިސްސަފުގައި އާދައިގެ ހަނގުރާމަވެރިއެއްގެ ގޮތުގައި ޖިހާދު ކުރައްވަނިކޮށެވެ.

ލަދުހަޔާތުގެ ކަންފުޅެއްވެސްނެތި، މައިންގެ އުނގުގައި ކިރުބޯން އޮންނަ ޅަދަރިން މަރާ ޓެރަރިސްޓު ވަކަރުގޭ ދައުލަތަކާ ކުރިމަތިލާން ނިކުންނަ މީހަކު ޝަހީދުވުމުން އަޅުގަނޑު އެކަމާ ހައިރާނެއްނުއެވެ. އެއީ އެކަން ހިނގަމުންދާގޮތެވެ. އަދި ދަންނަވަންތޯއެވެ. އެއީ، އެފަދަ ބަޠަލުންވެސް ހިތުގެ އަޑިން އެންމެ އެދޭ ގޮތެވެ. ޔަޙްޔާ އައްސިންވާރުވެސް، މުޅި ދުނިޔެ ކުރިމަތީގައި ޢިއުލާނު ކުރެއްވި ގޮތެވެ.

ޔަޙްޔާ އައްސިންވާރަކީ، ފަހުގެ ތާރީޚެއްގައި ޢަރަބި އަންހެނެއްގެ ބަނޑުން އުފަންވި އެންމެ ހިތްވަރުގަދަ ބަޠަލެވެ. އެންމެ ޝަރަފުވެރި މުޖާހިދެވެ. ތެދެކެވެ. ޒަޔަނިސްޓުން އެބަޠަލު ޝަހީކޮށްލައިފިއެވެ. އެހެނަސް ފަލަޞްޠީނު މިނިވަންކުރުމުގެ ޖިހާދުދާނީ ކުރިއަށެވެ. އެކަމަށް ހުއްޓުމެއްނެތެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.