މޮޅު ޤާނޫނުއަސާސީއެއް ހަދައި އޭގެ ދަށުން އަދި އެއަށް ވުރެ މޮޅު ޤާނޫނުތައް ހަދައި، މަތި މައްޗަށް، ފަތި ފައްޗަށް ޑިމޮކްރަސީއޭ، އަސާސީ ޙައްޤުތަކޭ ކިޔާ އެއްޗެއް ދިވެހި ރައްޔިތުންނަށް ދަސްކޮށްދިނީ ހަމަކުރާނެ އެއްވެސްކަމެއް ނެތިގެންބާއޭ މިއަދު އަޅުގަނޑުގެ ހިތަށް އަރައެވެ.
މިރާއްޖޭގައި ޑިމޮކްރަސީ ތަޢާރަފުކުރީ ކޮން ބޭނުމެއްގައި ކަން މިހާރު އޮޅިއްޖެއެވެ. ސަރުކާރު ވަޒީފާއެއްގައި ހުންނަ ކޮންމެ މީހަކު ވެސް ހުންނަންޖެހެނީ ވަޒީފާދޭފަރާތުގެ ހިލިހިލާގައި ބަނދެވިފައެވެ. އެކިޔާ ޤާނޫނު އަސާސީއިން ތަންމިނަށް ކަށަވަރުކޮށްދިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤާއި، ވަޒީފާ އަދާކުރުމުގެ ޙައްޤާއި، އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮމެޑީ ޝޯއެއްގައި ބަޔަކު މީހުން ހެއްވާލަން ކިޔާފައި ހުރި މަޖާ ވާހަކަތަކަކަށްވެ، މުވައްޒަފު ހުންނަން މިޖެހެނީ ކަސްތޮޅު އެޅިފައެވެ.
ސަރުކާރުގެ އިދާރާއެއްގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ވިޔަސް، ސަރުކާރުގެ ކުންފުންޏެއްގެ މުވައްޒަފެއް ކަމުގައި ވިޔަސް، މުވައްޒަފަކަށް ވުމުގެ ކުރިން އެއީ ދިވެހިރައްޔިތެއް ކަން ކަށަވަރެވެ. އެ ރައްޔިތުމީހާ އަށް ބޭނުންހާ ގޮތެއް ހެދިގެން ނުވާނެއެވެ. މިސާލަކަށް ގޭދޮށުގައި ވިޔަސް، އޮފީސް ދޮށުގައި ވިޔަސް ޤާނޫނީ ހަމަތަކުގެ މަތިން ޙައްޤު ހޯދުމަށް ކުރާ އިހުތިޖާޖެއްގައި ބައިވެރިވެލުމަކީ ބޮޑު ކުށެއްހެއްޔެވެ؟ އަދި އަސާސީ ޙައްޤެއް ހޯދުމަށް އަޑުއުފުލާ މުޒާހަރާއެއްގެ ކުރިކަނޑާދާ މުވައްޒަފަކީ ވެސް، އެއިރެއްގައި އޮންނަ ސަރުކާރުގެ ދުޝްމަނަކަށް ވާންޖެހޭ ހެއްޔެވެ؟ މިހެން ކަންކަން ވަމުންދާކަމީ އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލައެއް ނޫން ހެއްޔެވެ؟ ޑިމޮކްރަސީގެ ޗެމްޕިއަނުން އަދު ކޮބާ ހެއްޔެވެ؟
ބައެއް މުއައްސަސާތަކުގެ ވެރިންނަށް ހީވެފައި އޮންނަނީ، މުވައްޒަފުން ފަހާދުވުމާއި، ވަކި ވަކި މުވައްޒުންނަކީ ބޮލު ރޮދިން ގޮތުގައި ނުވަތަ ދުޝްމަނުންގެ ގޮތުގައި ލޭބަލްކޮށް ހުނިޖަހާ ފާހަގަ ކުރުމަކީ، ސަރުކާރަށް ތިމާމީހާގެ ވަފާތެރިކަން ދެއްކުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ. ނަމަވެސް، ޙަޤީޤަތުގައި އެއީ ވަރަށް ނާތަހުޒީބު ކައްޓަރު ވިސްނުމެކެވެ. ތިމާގެ ނާގާބިލުކަމާއި މުވައްޒަފުން ގެންގުޅެން ނޭނގޭ ކަމާއި ވަޒީފާގެ މާޙައުލުގެ އާޖުފާޖު ނޭނގޭ ކަން ނޫން ދެން ކޮންކަމެއް ހެއްޔެވެ.
އަޅުގަނޑުދެކޭ ގޮތުގައި، ސިޔާސީ ވިސްނުމާހުރެ ސަރުކާރުން އެއްވެސް މުވައްޒަފަކާ މެދު ތަފާތުކުރުމެއް ނުގެންގުޅުއްވާނެއެވެ. ނަމަވެސް، ވަޒީފާ ގެއްލިދާނެތީ ސިޔާސީ މަޤާމްތައް ފުރުއްވާ ބައެއް ފަރާތްތަކުގެ ޒާތީ ކަންކަމުގެ ތެރެއިން ސަރުކާރުގެ މުވައްޒަފުންނާ މެދު އެތަންތަނުގައި ތިބޭ ”މޫސުމީ ވެރިން“ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައެވެ. އެކަމުގެ ސަބަބުން، ޙަޤީޤަތުގައި ކުރިން ނެތް ހަތުރުވެރިކަމާއި ނަފުރަތު ސަރުކާރާ މެދު އިތުރު ވެގެންދާނެއެވެ. ސަރުކާރުތަކުން ހޭވެރިކަން ވާކަށް ނުވޭ ހެއްޔެވެ؟ ހަމަ އެކަނި ވަޒީފާގެ ބޭނުމަށް ސިޔާސީ ހަފޮޅުން އެތެރެވެގެން އުޅޭ ސޭކުން ވެސް އުޅެއެވެ. އެފަދަ މީހުންގެ އަމަލުތައް ގާތުން ބަލައި ފިޔަވަޅު އަޅަންވެއްޖެ ނޫންތޯއެވެ.