މިދުވަސްވަރަކީ ސިޔާސީ ޕާޓީތަކަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްތައް ވަރަށް ބާރުމިނުގައި ދާ ދުވަސްވަރަކެވެ. މިހިނގަނީ އަހަރުގެ ފަހު ހަތަރުމަސްކަމުން، މިހަތަރު މަސް ފެށުމާއެކު ކޮންމެ އަހަރަކުވެސް މި މަންޒަރު ތަކުރާރުވެއެވެ. ބޭނުމަކީ، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާއިން އެޕާޓީއަކަށް ލިބޭ ބައި އިތުރުކުރެމެވެ. އިތުރުވާ ކޮންމެ ބޮލަކަށް އިތުރު ފައިސާ ވެސް ލިބޭނެތީއެވެ.
މިވާގޮތް އިތުރަށް ތަފްސީލުކުރެވޭތޯ ބަލާނަމެވެ. ސިޔާސީ ޕާޓީގެ ޤާނުނު ބުނާގޮތުން، ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ އަހަރީ ބަޖެޓުން ފައިސާ ދޭންޖެހެއެވެ. މިގޮތުން ކަނޑައަޅާ ފައިސާއަކީ ދައުލަތުގެ އަހަރީ ބަޖެޓުގެ %0.1 އާއި %0.2 އާ ދެމެދުގެ ޢަދަދަކަށް ވާންޖެހެއެވެ. ޤާނޫނުގައި ކަނޑައަޅާފައިވާ ޝަރުޠު ފުރިހަމަވާ ޕާޓީތަކުގެ މެދުގައި މިފައިސާ ބަހާނީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީގެ ދަފްތަރުގައި ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީކުރެވިފައިވާ މެންބަރުންގެ ޢަދަދުގެ ނިސްބަތަށް ބަލައިގެންނެވެ. ޝަރުޠަކީ ޕާޓީގެ ދަފްތަރުގައި ދިހަހާސް މެމްބަރުން ތިބުމެވެ. މީގެއިތުރުން، ޕާޓީތަކަށް ފައިސާ ދިނުމުގައި އިލެކްޝަންސް ކޮމިޝަނުން ރިޢާޔަތްކުރަންޖެހޭ އިތުރު ކަންތައްތަކެއްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން ސިޔާސީ ޕާޓީގެ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ކޮމިޝަނަށް ހުށަހަޅާފައިވުމާއި ޕާޓީގެ މަޤްޞަދުތައް ޙާޞިލުކުރަން މަސައްކަތް ކޮށްފައިވާކަން އަހަރީ ރިޕޯޓުން ފެންނަން އޮންނަން ޖެހޭކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ ގޮތުން، 2024 އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހާ ހަމައަށް، ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއެވެ. އެޕާޓީގައި މިވަގުތު 50،851 މެމްބަރުން އެބަތިއްބެވެ. ދެވަނައިގައި އޮތީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެވެ. އެއީ 34،698 މެމްބަރުންނާއެކުއެވެ. 28،983 މެމްބަރުންނާއެކު ތިންވަނައިގައި އޮތީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ. އެއީ މިވަގުތު ވެރިކަންކުރާ ޕާޓީއެވެ. ހަތަރުވަނާގައި އޮތީ ޖުމްހޫރީ ޕާޓީއެވެ. އެ ޕާޓީގައި 17،379 މެމްބަރުން އެބަތިއްބެވެ. އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ހާމަކޮށްފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުން މިވަގުތަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީ ލިބުމަށް ޝަރުތު ފުރިހަމަވަނީ މި 4 ސިޔާސީ ޕާޓީއެވެ. ޖުމްލަ 11 ސިޔާސީ ޕާޓީއެއް މިވަގުތު ސިޔާސީ ޕާޓީގެ ދަފްތަރުގައި ފެންނަން އޮތަސް، ޤާނޫގައި ބުނާ ޢަދަދަށް މެމްބަރުން ހަމަނުވާތީ މޯލްޑިވްސް ރިފޯމް މޫވްމަންޓު އޮތީ އުވައިލުމުގެ މަރުހަލާގައެވެ.
ސިޔާސީ ޕާޓީގެ ޤާނޫނު ބުނާގޮތުން، މިވަގުތަށް ދިހަހާސް މެމްބަރުން ނެތް ޕާޓީތަކުންވެސް، ދައުލަތުގެ އަހަރީ ބަޖެޓް ފާސްކުރުމުގެ ކުރިއަށް ދިހަހާސް މެމްބަރުން ހަމަކޮށްފިނަމަ، އެޕާޓީއަކަށްވެސް މިއަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނެއެވެ. އެހެންކަމުން، ފައިސާ ލިބުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވާ ޕާޓީތަކުން އެ މަސައްކަތްކުރަނީ ޕާޓީއަށް މެމްބަރުން އިތުރުކޮށްގެން ލިބޭފައިސާގެ ޢަދަދު އިތުރުކުރުމަށެވެ. އަދި ޝަރުޠު ފުރިހަމަނުވާ ޕާޓީތަކުން އެ މަސައްކަތްކުރަނީ މެމްބަރުން ހަމަކޮށްގެން ފައިސާ ލިބޭ ލިސްޓަށް އެރުމަށެވެ.
މީޑިޔާގައި ރިޕޯޓުކޮށްފައިވާ މަޢުލޫމާތަކުން އެނގޭގޮތުން، 2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 44.1 މިލިޔަން ރުފިޔާ ހަ ސިޔާސީ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން ދިނެވެ. ސިޔާސީ ޕާޓީގެ ޤާނޫނުގައި ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ކަނޑައަޅާފައިވާ އުޞޫލަށް މިވަގުތު ފާޑުކިޔާކަށް ނެތީމެވެ. އަދި ސިޔާސީ ޕާޓީތަކަށް މެމްބަރުން އިތުރުކުރުމުގައި އެއްވެސް ގޯހެއް ހިނގާކަމަށް ވެސް ބުނާކަށް ނެތީމެވެ. އިލެކްޝަންސް ކޮމިޝަނުން އެކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރާނީ، އެކޮމިޝަނަށް ލިބިފައިވާ ބާރުތަކާއި ވަޞީލަތްތައް ނިޔާކުރާ ގޮތުގެމަތިން، އެންމެ ފުރިހަމައަށް ކަމަށް ޤަބޫލުކުރުން ނޫން ގޮތެއް ނެތެވެ.
އެހެންނަމަވެސް އުފެދޭ ސުވާލަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ސިޔާސީ ޕާޓީތަކަށް ”އެހީ“ ގެ ގޮތުގައި މި ޚަރަދުކުރާ ފައިސާއިން ސިޔާސީ ޕާޓީތަކުން ކުރާކަމެއް ބެލޭނެ ފުރިހަމަ ނިޒާމެއް އެބައޮތްތޯއެވެ. ސިޔާސީ ޕާޓީގެ ޤާނޫނުގައި އޮންނަނީ ޤާނޫނުގައިވާ ގޮތުގެމަތިން ޕާޓީއަށް ލިބޭ ފައިސާއާއި ތަކެތީގެ ހިސާބުތަކާއި ޕާޓީން ކުރާ ޚަރަދުގެ ހިސާބުތައް ބަލަހައްޓަންވާނެ ކަމަށެވެ. އަދި ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ޤަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށް ފަހު، އޮޑިޓް ރިޕޯޓު އިލެކްޝަންސް ކޮމިޝަނަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައި އޮވެއެވެ. ޕާޓީތަކުން ހުށަހަޅާ އޮޑިޓް ރިޕޯޓުތައް އިލެކްޝަންސް ކޮމިޝަނުން ޢާންމު ނުކުރި ކަމުގައިވިޔަސް، ހަމަގައިމުވެސް އިލެކްޝަންސް ކޮމިޝަނުގައި އެ ރިޕޯޓުތައް ހުންނާނެއެވެ.
ރައްޔިތުންގެ ފައިސާއިން ބަޔަކު ޚަރަދުކުރާނަމަ، އެފައިސާއިން ކުރި ޚަރަދެއް ރައްޔިތުންނަށް އެނގެންޖެހޭނެއެވެ. އެކަން އެނގެންޖެހެނީ ހަމައެކަނި ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ސިޔާސީ ޕާޓީގެ މެމްބަރުންނަށް އެކަންޏެއް ނޫނެވެ. ކޮންމެ ދިވެހި ރައްޔިތަކަށް ރައްޔިތުންގެ ފައިސާއިން ކުރިކަމެއް އެނގެންޖެހޭނެއެވެ. އެމަގަށް ފަހިވާނެ ނިޒާމެއް ކަނޑައެޅިފައި ނެތްނަމަ، އިލެކްޝަންސް ކޮމިޝަނުން އެމަގު ފަހިކުރުމަށް މަސައްކަތްކުރަންޖެހެއެވެ. އެންމެ ކުޑަމިނުން، ސިޔާސީ ޕާޓީތަކުން ހުށަހަޅާ އޮޑިޓް ރިޕޯޓުތައް ޢާންކުރަންޖެހެއެވެ. އަދި އެކަމަށް ޤާނޫނީ ހުރަހެއްވެސް ނެތެވެ.