މިލައުތުރު

މީޑިއާތަކަށް ޚާއްޞަ ފެންޑާގަނޑެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތީ ހުޅުވައިފި.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތީ ”މީޑިއާ ފެންޑާ“ އެއް މިއަދު ހެނދުނު ހުޅުވައިފިއެވެ.

މި ފެންޑާ ނުވަތަ ހޮޅުއަށިގެ އަކީ އާންމުކޮށް ބޭނުންނުކުރެވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަދެނުކުމެވާ ދެކުނުފަރާތު ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި ތައްޔާރުކޮށްފައިވާ ތަނެކެވެ.

މިތަނުގެ ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމުގެ އިތުރުން އެ ސަރަހައްދުގައި ހިމެނޭ އެހެން އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ރަސްމީ ގަޑީގައި ހޯދަން ފަސޭހަކޮށްދިނުމާއި، ކުއްލިއަކަށް ވާރޭ ވެހެން ފަށައިފިނަމަ ބޯހިޔާކޮށްލާނެ ފެންޑާގަނޑެއްގެ ގޮތުގައި ބޭނުންކުރުން ކަމުގައި ބެލެވެއެވެ.

މިފެންޑާ ބަލަހައްޓާނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މިއީ އެއްވެސް ބަންދުކަމެއް ނެތް ތަނަކަށްވާތީ، ނޫސްވެރީންގެ ބޭނުންތަކަށް 24 ގަޑިއިރު ހުޅުވާފައި ހުންނާނެއެވެ. އަދި މީޑިއާތަކަށް ވެސް މި ފެންޑާގަނޑު ބޭނުން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޚާއްޞަ ފާހެއް ހޯދައިގެންނެވެ.

ސަރުކާރުން ކުރިން ވިދާޅުވެފައިވަނީ މީޑިޔާތަކަށް ޚާއްޞަ މީޑިޔާ ވިލެޖެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށެވެ.