އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމެރިކާގެ މިހާރުގެ ނާއިބު ރައީސް ބަލިކުރައްވައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ. މިއީ ތަފާތު އަދި ތާރީޚީ ކާމިޔާބީއެކެވެ. ރައީސް ޓްރަމްޕްގެ މިކާމިޔާބީއާއެކު މިވަގުތު އުފެދޭ ސުވާލަކީ ބައިނަލް އަޤްވާމީ ދުނިޔޭގެ ކަންކަން ދެން ތަރުތީބުވެ، ބަދަލުވެގެން ދާނީ ކޮންގޮތަކަށްތޯއެވެ.
ރައީސް ޓްރަމްޕް ގެ ރިޔާސީ ދައުރުގައި އެބޭފުޅާ ފެނިގެންދިޔައީ ވަރަށް ތަފާތު ރައީސެއްގެ ގޮތުގައެވެ. ގިނަބަޔަކު ދެކޭގޮތުގައި ރައީސް ޓްރަމްޕް އަކީ ފާޝީ ޢުންސުރީ މީހެކެވެ. އަދި ރައީސް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ގެންގުޅުއްވި ބައެއް ސިޔާސަތުތަކާއި ނިންމުންތަކުގެ ސަބަބުން އެމެރިކާގެ ގިނަ ރައްޔިތުންނާއި ދުނިޔޭގެ އެކިއެކި ގަތުމުތަކުންވަނީ ބޮޑެތި ކަންބޮޑުވުންތަކާއި ހިތްހަމަނުޖެހުންތައް ފާޅުކޮށް، އެމެރިކާއާ ފެޔަށްޖެހިފައެވެ. ނަތީޖާއަކީ 2020 ވަނަ އަހަރުގައި ދެވަނަ ދައުރެއް ހޯއްދެވުމަށް ރައީސް ޓްރަމްޕް ކުރެއްވި މަސައްކަތްޕުޅު ނާކާމިޔާބުވުމެވެ.
ނަމަވެސް، މިއީ އެދުވަހެއް ނޫނެވެ. އެމެރިކާގެ ރައީސްގެ މަގާމަށް އަނެއްކާވެސް ޑޮނަލްޑް ޓްރަމްޕް އިންތިޚާބުވެ ވަޑައިގަތީއެވެ. ދެން ފެށޭނީ ރައީސް ޓްރަމްޕުގެ ދެވަނަ ދައުރެވެ. ނުވަތަ ފަހު ދައުރެވެ. އެހެންކަމުން، މި އާ ދައުރުގައި ވަރަށް ގިނަ ކަންކަން ހީނުކުރާ މޭރުމުން ބަދަލުވެ، ޖެހިލުންކުޑަ ޚުދުމުޚްތާރު ނިންމުންތަކެއް ރައީސް ޓްރަމްޕުގެ ފަރާތްޕުޅުން ފެންނާނެކަމަށް ބެލެވެއެވެ. އެމެރިކާއަކީ ދުނިޔޭގެ އަސްކަރީ އަދި އިޤްތިޞާދީ އެންމެ ބޮޑު ބާރެވެ. އެމެރިކާގެ ރައީސަކު ނިންމަވާ ކޮންމެ ނިންމުމެއްގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދާއި އަސްކަރީ ގުޅުންތަކަށާއި އަދި ދޭދޭ ގައުމުތަކުގެ ގުޅުންތަކަށް އަސަރުކުރާނެއެވެ.
އިޤްތިޞާދީ ވިސްނުމަކުން ބަލާއިރު، ދުނިޔޭގެ އިޤްތިޞާދީ ހަރުފަތުގައި އެމެރިކާ ކުރިއަރުވައި ބާރުވެރިކުރުވުމަށާއި އެމެރިކާގެ ވާދަވެރިން އިނދަޖައްސާލުމަށް ”އެމެރިކާ ފަސްޓް“ ސިޔާސަތުގެދަށުން އެމެރިކާގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާ ވާދަކުރާ ޗައިނާގެ ވިޔަފާރި ކުންފުނިތަކަށް އިތުރު ޓެރިފްތަކާއި ހުރަސްތައް ކުރިމަތިވެދާނެ ފަދަ ސިޔާސަތުތައް ރައީސް ޓްރަމްޕް ކަނޑައަޅުއްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ޗައިނާއަކީ، ދުނިޔޭގެ އިޤްތިޞާދުގައި އެމެރިކާއާ އެންމެ ބޮޑަށް ވާދަކުރާ އެއް ގައުމެވެ. ރިޔާސީ ކެމްޕެއިންތަކުގެ ސީދާގޮތުންނާއި ނުސީދާގޮތުން ޗައިނާގެ ކުންފުނިތަކަށް ދަތިކުރައްވާނެކަމަށް ރައީސް ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ޚާރިޖީ-އަސްކަރީ ސިޔާސަތުތަކަށް ބަލާއިރު، ނޭޓޯއަށް އެމެރިކާއިން ދޭ މާލީ އެހީ އަލުން މުރާޖަޢާކުރައްވާނެ ރައީސް ޓްރަމްޕްވަނީ ވިދާޅުވެފައެވެ. މިކަން ކުރައްވައިފިނަމަ، ހުޅަނގުގެ ގައުމުތަކާއެކު އެމެރިކާއިން ގާއިމުކޮށްފައިވާ ޒަމާންވީ ރަޙްމަތްރިކަން ހީނަރުވުން ގާތެވެ. ނުސީދާގޮތުން، ރަޝިޔާފަދަ އެމެރިކާގެ ޒަމާންވީ ހަތުރުންނަށް ހުޅަނގުގެ ގައުމުތަކުގައި އަސްކަރީ ހަންފެތުރުމަށް ހިތްވަރުލިބޭނެއެވެ.
ޒަމާންވީ ފަލަޞްތީނުގެ މައްސަލައަށް ރައީސް ޓްރަމްޕްގެ ދެވަނަ ދައުރުގައި އަލިމަގެއް ފެންނާނެކަމަށް ނުބެލެވެއެވެ. އެހެންނަމަވެސް، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ހަމަޖެނުޖެހުންތައް ހައްލުކޮށް، ޢަރަބި އިސްލާމީ ގައުމުތައް އިސްރާއީލާ މަސަލަސްކުރުމަށް އެމެރިކާއިން އަބަދުވެސް މަސައްކަތްކުރާ އުޞޫލުން ރައީސް ޓްރަމްޕުވެސް މަސައްކަތްކުރައްވާނެއެވެ. ޔަހޫދީ ދައުލަތް ހިމާޔަތްކުރުމުގެ ބޭނުމުގައެވެ. މީގެއިތުރުން ރައީސް ޓްރަމްޕްގެ މި އާދައުރުގައި ޔަހޫދީ ދައުލަތުން މެދުއިރުމަތީގެ ބައެއް ގައުމުތަކާއެކު ގުޅުން ބަދަހިކުރުމުގެ ގޮތުން މީގެކުރިން ހަދާފައިވާ އަބްރަހަމް އެކޯޑްސް އިތުރަށް ފުޅާކުރުމަށް ރައީސް ޓްރަމްޕް މަސައްކަތްކުރައްވާނެ ކަމަށް ބެލެވެއެވެ. އަބްރަހަމް އެކޯޑްސްއަކީ ރައީސް ޓްރަމްޕްގެ އިސްނެންގުވުމަކަށް 2020 ވަނަ އަހަރު ޢަރަބި އިސްލާމީ ގައުމުތަކާއެކު ޔަހުދީ ދައުލަތުން އެކުލަވާލި އެއްބަސްވުންތަކެކެވެ.
ތިމާވެށި ހިމާޔަތްކޮށް، ހަކަތަ އުފެއްދުމުގައި ތެލަށް ބަރޯސާވުން ކުޑަކުރުމަށާއި ޖައްވަށް ދޫކުރާ ކާރބަން މަދުކުރުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ކޮށްފައިވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދޭދޭ ގައުމުތަކުގެ މެދުގައި ވަނީ މުހިންމު މުޢާހަދާތަކެއް އެކުލަވާލެވިފައެވެ. ރައީސް ޓްރަމްޕު ތިމާވެއްޓާމެދު ދެކިލައްވާގޮތް ވަރަށް ތަފާތެވެ. އެހެންކަމުން، ރައީސް ޓްރަމްޕްގެ މިދައުރުގައި އެމެރިކާއިން ބައިވެރިވާ މިފަދަ ބައިނަލް އަގްވާމީ މުހިންމު މުޢާހަދާތަކުން އެމެރިކާ ވަކިވާނެކަމަށް ބެލެވެއެވެ.
ގާތްގަނޑަކަށް 345 މިލިޔަން މީހުންގެ ބޮޑު އާބަދީއެއް އެމެރިކާގައި އެބައޮތެވެ. ތަފާތު ފިކުރުތަކާއި ނަސްލުތަކާއި ވިސްނުމުގެ މީހުން ހިމެނިގެންނެވެ. ނަމަވެސް މި ބޮޑު އާބާދީ އޮތީ ބޮޑެތި އިޖްތިމާޢީ މައްސަލަތަކާއެކު ކެކިކެކިއެވެ. ރައީސް ޓްރަމްޕްއަކީ ކޮންސަވޭޓިވް ހަރުކަށި ވިސްނުމުގެ ބޭފުޅެކެވެ. ބެލެވޭގޮތުން، އިޖްތިމާޢީ މައްސަލަތަކަށް ފަރުވާ ހޯދުމުގައި ރައީސް ޓްރަމްޕް އިސްކަންދެއްވާނީ މަދަނީ އަދި އިންސާނީ ޙައްޤުތަކުގެ ދާއިރާ ފުޅާކުރުމާއި ހަނިކުރުމުގައި އެމެރިކާގެ މައިސަރުކާރުން ބަސްބުނުމުގެ ބަދަލުގައި، އެކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ ބާރު ސްޓޭޓްތަކަށް ދޫކޮށްލާށެވެ. މި ސިޔާސަތާ އެއްގޮތަށް ރައީސް ޓްރަމްޕު އަމަލުކުރައްވިފައިނަމަ، އެމެރިކާގެ ރައްޔިތުންގެ މެދުގައި ޚިޔާލުތަފާތުވުންތައް ނިހާޔަތަށް ބޮޑުވެފައިވާ އެއްޖިންސުންގުޅުން ހިންގުމާއި އެބޯޝަންހެއްދުން ފަދަ މައްސަލަތަކުގައި އަމިއްލަ ސިޔާސަތުތައް ކަނޑައެޅުމުގެ ފުރިހަމަ ބާރު އެމެރިކާގެ ވަކިވަކި ސްޓޭޓްތަކަށް ލިބިގެންދާނެއެވެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ، އެމެރިކާގައި ސިޔާސީ އަދި އިޖްތިމާއީ ބައިބައިވުންތައް އިތުރުވެ، ސިޔާސީ ހަލަބޮލިކަމަކަށް މުޅި އެމެރިކާ ވެއްޓިގެން ދިޔުމެވެ.
ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކަންކަން ވަރަށް ގާތުން ބަލަން ތިއްބައި، މިފެނިގެންދިޔަ ބައެއް މީހުން ހީކުރިގޮތާ ޚިލާފަށް އެމެރިކާގެ ރިޔާސީ އިންތިޚާބު ރައީސް ޓްރަމްޕު ކާމިޔާބުކުރެއްވި މަންޒަރެވެ. އެމެރިކާގެ މިތުރުންނާއި ހަތުރުންނަށްވެސް އަދި ތިބީ މަންޒަރު ބަލާށެވެ. މިދަނޑިވަޅުގައި ރައީސް ޓްރަމްޕުގެ ސަބަބުން މުޅި ދުނިޔެއަށް އަންނާނެ ސީދާ ބަދަލު ވަޒަންކޮށް އަންދާޒާކޮށްލަން ދަތިވާނެއެވެ. އެހެންނަމަވެސް ކުރިއަށް މިއޮތް ހަތަރުވަރަކަށް އަހަރު، ދުނިޔެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އެކަން ކަށަވަރެވެ.