މިލައުތުރު

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކު ރަސްްމީކޮށް ހުޅުވައިފި، އަސްލަކަށް ނުހުޅުވާ!

ދިވެހިރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކު (ޑީބީއެމް) 16 ނޮވެމްބަރު 2024 ގައި ރަސްމީކޮށް ހުޅުވާފައިވީ ނަމަވެސް އަދި ޚިދުމަތްދޭކަށް ނުހުޅުވައެވެ. ޑީބީއެމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ސަރުކާރުގެ ރިޔާސީ ވަޢުދެއް ކަމަށްވާ ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމުކުރުމުގެ ވަޢުދު ފުއްދަވައިދެއްވައި، ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް (ޑީބީއެމް) ރަސްމީކޮށް އިފްތިތާޙުކުރެއްވުން ވެގެންދިޔައީ ވަރަށް ގިނަ ބަޔަކަށް އުންމީދުތަކެއް އާވެގެންދިޔަ ކަމަކަށެވެ. އޭގެ ތެރޭގައި ވިޔަފާރިވެރިންނާއި، ތަރައްޤީއަށް އިންވެސްޓުކުރާ ފަރާތްތައް ފާހަގަކޮށްލެވެއެވެ.

ޙަޤީޤަތުގައި ވެސް މިއީ ރާއްޖެއަށް މިވަގުތު އެންމެ ބޭނުންތެރި އެއް އިންސްޓިޓިއުޝަނަށް ވެގެންދާނެއެވެ. މިފަދަ މާލީ ނިޒާމަކަށް ޤައުމު އެދި ގޮވާތާ ލައްކަ ދުވަސް ވެއްޖެއެވެ. އެކި ފަހަރުމަތިން އެކި އެކި ސަރުކާރުތަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްޤީކުރުމުގެ ނަމުގައި ތަފާތު ޕުރޮގްރާމްތައް ތަޢާރަފު ކުރެއްވި ނަމަވެސް އެފަދަ މަޝްރޫޢަކުން އެދެވޭ ނަތީޖާއެއް ޙާޞިލުވެފައެއް ނުވެއެވެ.

މި ބޭންކު ތަރައްޤީކޮށްފައި ވަނީ ކުރީ ސަރުކާރުން ހިންގި އެސްއެމްއީ ހަބު އުވާލުމަށް ފަހު، އެސްއެމްއީ ހަބު ހިންގި އިމާރާތުގެ އެތެރެއަށް ބަދަލުތަކެއް ގެނެސް ޚިދުމަތްދޭ ކައުންޓަރުތައް ބެހެއްޓުމަށް ފަހު، އެ އިމާރާތުގައެވެ. އެ ސަރަޙައްދަކީ މިފަދަ ބޭންކެއްގެ ޚިދުމަތްދޭން އެންމެ ރަނގަޅު އެއް ލޮކޭޝަންކަމުގައި ވެސް ވާނެއެވެ.

އެންމެންގެ ވެސް މިހާރުގެ އުންމީދަކީ މި ބޭންކުގެ ޚިދުމަތް އަސްލަަށް ފެށި، ލުއިފަސޭހަ ގޮތްތަކާއެކު އިޤްތިޞާދީ ތަރައްޤީގެ އިންޖީނެއްގެ ގޮތުގައި މި ބޭންކު ޙަރަކާތްތެރިވާން ފެށުމެވެ.

© 2023 milauthuru. All rights reserved.