ފުރަތަމަ ފަހަރަށް މިސް ޔުނިވާސްގައި ދިވެހިރާއްޖެ ތަމްސީލުކުރި ރާއްޖޭގެ ރީތީގެ ރާނީ މިސް ޝައިނާއަށް އެ މުބާރާތުން ލިބުނީ ޙަޤީޤަތުގައި ވަރަށް ބޮޑު ކާމިޔާބެކެވެ.
މުބާރާތަށް ފުރަން ތައްޔާރުވެފައި ވަނިކޮށް އެކަމާ ދެކޮޅަށް ސަރުކާރުން ވެސް ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެއީ ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި، ދިވެހި ސަރުކާރުން އެކަން ކުއްވެރިކުރައްވާ ކަމަށެވެ. އަދި އެވަރަކުން ވެސް ނުފުދުނެވެ. ދިވެހި ނޫސްތަަކަށް ދިޔާހަކުރު ބަހައިގެން އޭނާ އާއި ދެކޮޅަށް މީޑިޔާ ކެމްޕެއިންތައް ވެސް ހިންގެވިއެވެ.
ދީނީ ޢީލްމުވެރިންގެ ތެރެއިން ސޯޝަލް މީޑިޔާ އެކްޓިވިސްޓުންގެ ގޮތުގައި އުޅުއްވާ ބޭފުޅުން އެކަމާ ދެކޮޅަށް ފަތުވާތައް ނެރުއްވީ ފުލުފުލުގައެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ހިތްވަރުގެ ބަހެއް ބުނެލީ މަދު މީހެކެވެ. އެހެން ނަމަވެސް ޝައިނާގެ ހިތްވަރަށް ކުޑަވެސް ބަދަލެއް ނައެވެ. އަދި އޭނާގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި މެކްސިކޯއަށް ދަތުރުކުރިއެވެ.
މުބާރާތުގެ އެކި ސެގްމެންޓްތަކުގައި ދިވެހި ލިބާހާ ދިވެހިވަންތަ ހެދުންތައް ހުށަހަޅައިދީ އިހުގެ ހެދުންއެޅުމުގެ ވައްޓަފާޅި އާއި ޘަޤާފަތް ތަމްސީލުކޮށްދީ މުޅި ދުނިޔެއަށް އިޝްތިހާރުކޮށްދިނީ ކަރުވަޅާ ފައިވަޅު ބަލާހިތުން ތިބިހާ ބަޔަކަށް ވެސް ގޮންޖަހާފައެވެ. އެހެން ކަމުން މިހާރު ޝައިނާގެ މަސައްކަތް ބަލައިގަންނަ މީހުން ރާއްޖޭގައި ގިނަ ވެއްޖެއެވެ.
އަދި ވޭތުވެދިޔަ ދުވަސްތަކުގައި ނޫސްތަކުގެ ފަލަ ސުރުޚީގައި ޝައިނާގެ ނަން ގުގުމާލިއެެވެ. ދިވެހިރާއްޖެ އާއި މުޅި ދުނިޔޭގެ ގިނަ ބައެއްގެ އިޙްތިރާމާ ލޯބި އޭނާއަށް ލިބިއްޖެއެވެ. ދިވެހިރާއްޖޭގެ ޒުވާން އަންހެން ކުއްޖަކު ގިނިކަންޏާ ރާއްޖެއިން ބޭރު މާދުރު ހިސާބެއްގައި އޮންނަ ކަރައެއްގައި ވަރަށް ފުރިހަމައަށް ރާއްޖެ ތަމްސީލުކޮށްދީފިއެވެ. މިސް ޝައިނާގެ ހިތްވަރަށް އައްސަރިބަހާ ސާބަސް ޙައްޤު ނޫންތޯއެވެ.