މިހާރަކަށް އައިސް ސިޔާސީ މަޤާމުތަކުގައި ތިބޭ ބައެއް މީހުން ޖަޒުބާތުގައި ޖެހި، ސޯޝަލް މީޑިޔާގައި ޖެހޭ ކޮންމެ މީހަކަށް ރައްދުދީ، ޒުވާބުކޮށް ހެދުމަކީ ސަރުކާރުގެ މޫނުމަތި ކިލަނބުވާކަމެއް ނޫންތޯއެވެ.
ޙަޤީޤަތުގައި ސިޔާސީ މަޤާމުތައް ފުރުއްވާ ފަރާތްތަކަކީ ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅުއްވައި، ރޭވުންތައް ރާވައި، ތަންފީޒުކުރާ މީހުންކަމުގައި ވީހިނދު އެފަދަ ފަރާތްތަކުން ސޯޝަލް މީޑިޔާގައި މީހުންނާ ޒުވާބުކޮށް، މާލާމާތާ ފުރައްސާރަކުރުމަކީ ސަރުކާރު ޕްރޮމޯޓުވާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެކަމުގެ ސަބަބުން އާންމު ރައްޔިތުންގެ ހިތުގައި ރުޅިވެރިކަމާ ނަފުރަތު އުފެދިދާނެއެވެ.
ސިޔާސީ މަޤާމެއް ލިބުމުން ބައެއް މީހުންނަށް ހީވެފައި އޮންނަނީ އެމީހުންގެ އެންމެ މަތީ މަސްލަޙަތަކީ ސަރުކާރާ ދެކޮޅު ކޮންމެ މީހަކަށް ރައްދުދީ ޒުވާބުކުރުން ކަމަށެވެ. ޙަޤީޤަތުގައި އެއީ ވަރަށް ދެރަކަމެކެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރަށް ސިޔާސީ ގޮތުން ގެއްލުންވާނެ ކަމެކެވެ.
ބައެއް ފަހަރަށް ސަރުކާރާ މެދު ހިތްހަމަނުޖެހިގެން މުޒާހަރާކުރާ މީހުންގެ ތެރެއަށް ވެސް ވަދެ އުނދުޅިބައިގެން އުޅޭތަން ފެނެއެވެ. ނަމަވެސް އެކަމުގެ ސަބަބުން ސަރުކާރަށް ލިބޭނެ ފައިދާއެއް ނެތްތާ ގެއްލުން ވެސް ވެދާނެއެވެ. އަދި އެކަމުގައި ހައްދު ފަހަނައަޅާފައިވާ ހަތަަރު ފަސް އަންހެނަކު އުޅޭކަމަށް މީހުން ބުނެއެވެ.