މިލައުތުރު

ޤައުމު އޮތީ އިޤްތިޞާދީ ތަދުމަޑުކަމެއްގެ ތުންފަތް މަތީގައި، ހަދާފައި ހުރި ތަންތަން ރޫޅާލުމަށް ފަހު އަލުން ހެދުމަކަށް މަޑުޖެހުމެއް ނެތް!

އިޤްތިޞާދީ އަދި މާލީ ގޮތުން ބޮޑުު ހާސްކަމެއްގެ ތެރޭގައި ދިވެހިރާއްޖެ އޮތްކަމަށް ބުނުމާއެކު ވެސް ފެންނަމުންދާ މަންޒަރަކީ ހަމަ ރަނގަޅަށް ބޭނުންކުރެވޭ ޙާލަތުގައި ހުންނަ ބިނާތައް ރޫޅާލުމަށް ފަހު ބޮޑެތި އަގުތަކުގައި އަލުން ހަދަން އިސްކަންދީގެން އުޅޭ ތަނެވެ.

މާލޭގެ ރަސްމީ ފާލަންކޮޅު ރޫޅާލާފައި އަލުން ހަދަނީއެވެ. އެއީ މީގެ އެންމެ 4 ވަރަކަށް އަހަރު ކުރިން ރޫޅާލުމަށް ފަހު ރަނގަޅު ފެންވަރަކަށް އަލުން ހަދާފައި ހުރި ފާލަމެކެވެ. މާލޭގެ މޫނުމަތީގައި ޓިނުޖަހާ ބަންދުކޮށްގެން އަލުން ހަދަން ފެށިފަހުން ވެސް އަހަރު ދުވަސް ވެއްޖެއެވެ.

މާލޭ ކާނިވާ ސަރަޙައްދުގައި ހަދާފައި ހުރި ކުޅިވަރު ސްޓޭޖު ރޫޅާލުމަށް ފަހު އަލުން ހެދުމަށް މިހާރު ވަނީ އިޢުލާނުކޮށްފައެވެ. އެތަނަކީ ވެސް މަރާތުކޮށް ބެލެހެއްޓުމެއް ނެތި ވީރާނާވާން ދޫކޮށްލާފައި ހުރި ތަނެކެވެ. އާބާތުރަ ފިލުވުމެއް ނެތި، ތަޅާލުމަށް ފަހު އަލުން ހަދަންވީއެވެ. އެކަމަކު ދައުލަތުގައި ފައިސާއެއް ނެތެވެ. މުވައްޒަފުން މަދުކުރަންވީއެވެ. މުސާރަތައް ކުޑަކުރަންވީއެވެ. އާސަންދަ ކަނޑާލަންވީއެވެ. ދުވަސްވީ މީހުންނަށްދޭ އެލަވަންސް ވެސް ދެވޭކަށް ނެތެވެ. ރަށް ރަށުގައި ފަށާފައި ނުނިމި ހުރި މަޝްރޫޢުތައް ހިންގޭކަށް ނެތެވެ. ބޭރު ފައިސާއެއް ލިބޭކަށް ނެތެވެ. ކުންފުނިތައް ނުހިންގިގެން އުވާލަން ޖެހިފައެވެ. މުޅި ޤައުމު ވެސް އޮތީ އިނދަޖެހިފައެވެ. މިފަދަ ކަންކަމާ މެދު ވިސްނާލުމުން ސުވާލެއް ނޫފެދޭތޯއެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ނުވާ ޙާލުގައި އޮއްވާ ދެން ފެނުނީ ވަލު ޖަނަވާރުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިލިޔަނުން ފައިސާ ޚަރަދުކޮށް ބުޅާ ފެސިލިޓީއެއް ބިނާކުރިތަނެވެ. އަދި އެތަނުގެ ބެލެނިވެރިކަމާ މިލްކުވެރިކަމުގެ ކޯޅުންގަނޑެވެ. މިހިރަ މިހިރަ ކަންކަމާ ވިސްނާލުމުން ހައިރާނެއް ނުވޭތޯއެވެ. މިރާއްޖޭގެ މިސްރާބު ގެއްލި، ނިޒާމުން ބޭރުވެ، ފާލުން ނެއްޓުނީތޯއެވެ. ނޫނީ ޒިންމާދާރުކަމެއް އަދި އިޚުލާޞްތެރިކަމެއް މީހެއްގެ ހިތުގައި ނެތީތޯއެވެ.