ދުނިޔޭގެ ވެރިކަންކުރަނީ އިޒުރޭލުންތޯ ނުވަތަ ޔަހޫދީންތޯ ހިތުގައި ސުވާލުއުފެދުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އެހެނީ މިފަދަ ސުވާލެއް އުފެދެން ނުޖެހޭންވީ އެއްވެސް ސަބަބެއް ނެތަތީއެވެ. ދުނިޔޭގެ ކޮންމެތާކު ހިނގާ ކޮންމެ ކަމަކަށް ނުފޫޒުފޯރުވޭ އަދި ބޭނުންހާ ގޮތް ގޮތަށް ޢަމަލުކުރެވޭ މަންޒަރު ފެންނަނީ މަދަކުން ނޫނެވެ.
ދުނިޔޭގައި މިހާތަނަށް ދެކެފައިނުވާ ފަދަ ލާއިންސާނީ އަނިޔާ އާއި ޤަތުލުއާންމުތަަށް ހިންގުމަށް ފަހު ވެސް އެއްވެސް ލަދެއް ބިރެއް ޖެހިލުމެއް ނެތި އެކަމާ ދެކޮޅު އެންމެންނަށް ގޮންޖަހާފައި އުޅެވެއެވެ. ބައިނަލްއަޤުވާމީ ޖިނާއީ ކޯޓުގެ ޙުކުމްްތަކަށް ވެސް ގޮންޖަހާފައި މިނިވަންކަމާއެކު އުޅެވެއެވެ.
ޣައްޒާގައި އެކަނި 45،000 މީހުން ޝަހީދުކޮށްލައިފިއެވެ. މުޅި ސިޓީ ތަޅާ ސުންނާފަތި ކޮށްލައި، ދިރިތިބިހާ ބަޔަކު ބިކަކޮށް މަގުމަތި ކޮށްލައިފިއެވެ. ލުބުނާނުގައި އެތައް ހާސް ބަޔަކު ޝަހީދުކޮށްލައިފިއެވެ. އެކުވެރި ދައުލަތްތަކަށް ބޯލެނބުމެއް، ދުނިޔޭގެ ޤާނޫނުތަކަށް ތަބާވުމެއް އެއީ އެމީހުންނަށް އޮތްކަމެއް ނޫނެވެ.
އަޝްކަރީ މަދަދުޤާރުން ތިއްބަތީ ލުބުނާނާއި، ސީރިޔާ އާއި ޔަމަނާ އީރާނަށް ވެސް ޙަމަލާދީ އެމީހުން ބޭނުން ބަޔަކު މަރާލައި، ތަންތަން ލޫޓުވައި، ފުނޑު ފުނޑު ކޮށްލެވެއެވެ. މިނިވަން ޤައުމުތަކަށް ވަދެ ބޭނުންތާކަށް ޙަމަލާދީ ބޭނުންކަމެއް ކުރެވެއެވެ. އެއްވެސް ޖެހިލުމެއް ނެތެވެ. ވީޓޯގެ ބާރު އޮތް ބައިވެރިޔަކު އެމީހުންގެ ފަހަތުގައި އަބަދުވެސް އޮތްކަން އެނގެއެވެ.
އަރަބި މުސްލިމު އެހެން ދައުލަތްތަކަށް ރޭވެފައި އަލިވިލެންޏާ އެންމެ ރަނގަޅެވެ. އޭގެ ތެރެއިން ގިނަ ޤައުމުތަކުގައި ޔަހޫދީންގެ އަޝްކަރީ މަރުކަޒުތަކާއި ބޭސްތައް ވަނީ ހަދައިދީފައެވެ. ދުނިޔެވީ މަންފާތަކަށް އަމިއްލަ މިނިވަންކަމާ ޒަމާންވީ ހައިބަތާ ޢިއްޒަތް ވަނީ ޑޮލަރަށް މާރުކޮށްލާފައެވެ. މިއަދު ޔަހޫދީންގެ ބާރު ނުހިނގާ ހަމަ އެއްވެސް ތަނެއް ނެތެވެ.