ޑޮލަރުގެ ދަތިކަމަށް ދާއިމީ ޙައްލެއް ގެނެސްދެއްވުމަށްޓަކައި ސަރުކާރުން އެކަށައެޅި ސިޔާސަތު ތަންފީޒުކުރުމުން ނިކުންނާނެ ނަތީޖާއެއް ޚުދު ސަރުކާރަކަށް ވެސް މިހާރަކު ސާފެއް ނޫނެވެ. ޑޮލަރު މާރުކުރުމާގުޅޭ ގޮތުން ހެދި ޤަވައިދަށް ބަދަލު ނުގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ހަރުކަށިކޮށް ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް މިހާރު އެކަން ވެފައި ވަނީ އިޚުތިޔާރީ ކަމަކަށެވެ. އަދި އެކަމާގުޅޭ ޤާނޫނު އަލުން އިސްލާހުކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ އިރު، ދީފައިވާ ދެ އިޚްތިޔާރުން ވެސް ނުކުންނަނީ އެއް ނަތީޖާއެކެވެ. ކުރިން ބުނިއެތި ކެންސަލް ނުވާކަން ހާމަކުރެއްވުމުގެ ގޮތުން ރައީސް ވިދާޅުވީ، ޤަވައިދަށް ބަދަލެއް ނުގެންނަވާކަމަށާއި، ދެ އިޚުތިޔާރެއް ދީފައިވާ ކަމަށާއި، ދެ ގޮތުން ކުރެ ކޮންމެ ގޮތެއް އިޚްތިޔާރު ކުރެއްވިޔަސް ނުކުންނާނީ އެއް ނަތީޖާއެއް ކަމަށެވެ.
މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވާ އެއް ގޮތަކީ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރުމެވެ. އަނެއް ގޮތަކީ ޑޮލަރުން ލިބޭ އާމްދަނީގެ 20 އިންސައްތަ މާރުކުރުމެވެ. ދެގޮތެއް ހުށަހަޅާ ނަމަ، ތަފާތެއް ހުންނާން ޖެހޭނެކަމީ ބުއްދި ޤަބޫލުކުރާ އެންމެ އަސާސީ މިންގަނޑަކަށް ވީހިނދު މިފަދަ ގޮތަކަށް އަމާޒު ބަދަލުވަމުންދާކަމީ ސަރުކާރުގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތުގައި ތެތްކަމެއް ނެތްކަން ހާމަވާ ކަމެކެވެ.
މިފަދަ ބަދަލުތަކުން އެނގި ހާމަވަނީ ކަންކަން ކުރުމުގެ ކުރިން މައްސަލަ ދިރާސާކުރެވިފައި ނެތްކަމާއި، އިޚުލާޞްތެރިކަމެއް ނެތްކަމެވެ. އެހެން ނޫން ނަމަ މިފަދަ މުހިންމު މައްސަލަތަކާގުޅޭ ސިޔާސަތުތައް އެކަށައަޅަން ވާނީ އެކަމަށް ބޭނުންވާ ވަރަށް ވަގުތު ހޭދަކޮށް މަޢުލޫމާތު އެއްކުރެވިގެންނެވެ. އަދި ފަންނީ މާހިރުންގެ ލަފަޔާ އިރުޝާދުގެ އިތުރުން ޞިޔާޢަތުގައި މަސައްކަތްކުރައްވާ ތަޖުރިބާކާރުންގެ އަޑުވެސް އަހައިގެންނެވެ.
2 Replies to “ޑޮލަރު މާރުކުރުމަށް އެކަށައެޅުއްވި ސިޔާސަތު ޚުދު ސަރުކާރަށް ވެސް އޮޅިއްޖެ!”
ކޮރަކަލި
ވަރައް ބަރާބަރު ވާހައެށް ކޮންމެކަމެއް ކުރަންވާނީ ހުރިހާ ވިޔަފާރިވެރިންގެ މަޝްވަރާގެ މަތީން
Anonymous
Varah baraabaru. Vaki atakah nujehi liyunu liumehkan faahaga kuran
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި